ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް!

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގައި މިރޭ ހިނގި އެކްސިޑެންޓް

ބ. އޭދަފުށީ ބޮޑުމަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެ، މިރަށު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 7:00 ހާއިރު އޭދަފުށީ ބޮޑުމަގު ސްކޫލު ކަންމަތީގައެވެ. އެކްސިޑެންޓްވެ އަނިޔާވީ އޭދަފުށީ، ސީސަންގެ އަބޫބަކުރު އަބްދުالله އަށެވެ. އަބޫބަކުރުގެ އުމުރަކީ 82 އަހަރެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ޕިކަޕެއް ބޮޑުމަގަށް ނުކުތް ވަގުތު، އެ މަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ޖެހިގެންނެވެ.

އަސާގަނޑެއްގެ އެހީގައި ހިނގާފައި ދިޔަ އެ މީހާގެ ގައިގައި ޕިކަޕުން ޖެހުމާއެކު އޭނާ ބިންމައްޗަށް ވެއްޓި، ޕިކަޕުގެ ދަށުވިއެވެ. އެ ސަރަހައްދުގައި ތިބި އާންމުން އެ މީހާ ސަލާމަތް ކުރީ ޕިކަޕު ފަހަތަށް ކޮށްޕައިގެންނެވެ.

“އެމީހާ އޮތީ އަސާގަނޑާއެކު ޕިކަޕުގެ ދަށުގައި، އަހަރެމެން ޕިކަޕް ފަހަތަށް ކޮށްޕައިގެން ނެރުނީ، އެއްފައި އޮތީ ވަރަށް ބޮޑަށް ފަޅައިގެންގޮސް މުޅި ތަނަށް ލޭ ފައިބައިފައި،”

މި އެކްސިޑެންޓުގައި އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

 ޕިކަޕު ދުއްވި މީހާ އަކީ ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.

މިއީ މި ހަފްތާގެ ތެރޭގައި އޭދަފުށީ ބޮޑުމަގުގައި ހިނގި ދެވަނަ އެކްސިޑެންޓެވެ. މީގެ ކުރިން މި ހަފްތާގައި ދެ ސައިކަލު ޖެހިގެން ވެސް އެ މަގުގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...