ކިހާދޫގައި ޓިވެކް ސެންޓަރު ސިފައިންގެ ތަމްރީނު މަރުކަޒަކަށް ބަދަލުކޮށްފި

ބ. ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހިންގަމުން އައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ބަންދުކޮށް، އެ ތަން ސިފައިންގެ ތަމްރީނު މަރުކަޒަކަށް ސަރުކާރުން ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ބުނީ، އަލަށް ފަށާ “ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު” ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިހާދޫގައި ގާއިމްކުރި މި ސިފައިންގެ މަރުކަޒުގައި ކަމަށެވެ.
މި ސެންޓަރަކީ ކޯސްޓްލައިން ފައުންޑޭޝަނުން ސަރުކާރަށް ހަދިޔާކުރި ތަނެކެވެ. އެ ތަން ހަދިޔާކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މި ނިންމުމާއެކު، މީގެ ކުރިން ފަންނީ ތަމްރީނުތައް ދެމުން އައި މި ބޮޑު މަރުކަޒު ދެން ބޭނުންކުރާނީ އަސްކަރީ ތަމްރީނުތަކަށެވެ.
ޓިވެކްގެ ނަމުގައި މި މަރުކަޒު ހުޅުވީ އޮގަސްޓް 9، 2018 ގައެވެ. އެ ތަނަކީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތު ކުރުމާއި، އިލެކްޓްރީޝަން ކަމާއި، އެއާކޮންޑިޝަނާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުން ފަދަ މުހިންމު ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމަށް ހުޅުވި ރާއްޖޭގެ އެންމެ ބޮޑު އެއް ވޮކޭޝަނަލް ސެންޓަރެވެ. ދެ ލައްކައަށް ވުރެ ގިނަ އަކަފޫޓުގެ ބިމެއްގައި ހިންގި މި ސެންޓަރުން ތަމްރީނު ހޯދާ ކުދިންނަށް ހުރުމާއި ކެއުމުގެ ހިދުމަތް ވެސް ފޯރުކޮށްދެމުން ދިޔައީ ހިލޭ ސާބަހަށެވެ.
ކިހާދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ތަން ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، ފަހުން އަލުން ތަމްރީނުތައް ފެށިއެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މެދުތެރޭގައި އެ ސެންޓަރު ވަނީ އެއްކޮށް ބަންދުކޮށްފައެވެ. މިހާރު އެ ތަން ސަރުކާރާ ހަވާލުކޮށް، ސިފައިންގެ ބޭނުމަށް ވަނީ ތައްޔާރުކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
