ކައުންސިލް އިންތިހާބަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

އޭދަފުށި ޓައިމްސްޚަބަރު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު: ފޮޓޯ: ނިޝާން އަލީ | މިހާރު

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިއުލާނުކޮށްފިއެވެ.

އިންތިހާބާ ބެހޭ މަރުކަޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބަށް ކުރިމަތިލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލްކޮށް، އިލެކްޝަންސް ކޮމިޝަނުގެ “ސިމަދަ” ޕޯޓަލް މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ވަގުތުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފޯމު ހުށަހެޅޭނީ ހެނދުނު 8:30 އިން ހަވީރު 3:30 އާ ހަމައަށް ކަމަށެވެ. އަދި ހުކުރު ދުވަހު ފޯމު ހުށަހެޅޭނީ މެންދުރުފަހު 3:30 އިން ހަވީރު 6:00 އަށެވެ. 

ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނަށް އެ ޕާޓީތަކުގެ ރުހުން އޮތްކަން ކަށަވަރު ކުރުމާއި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަން ޖެހޭ ތާއީދުގެ ސޮއި ވެސް ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުނެއެވެ. ކެންޑިޑޭޓުންގެ މައުލޫމާތު އަޕްލޯޑް ކުރުމުގެ ފުރުސަތު ކުރިއްސުރެ ހުޅުވާލާފައިވާއިރު، އެ ނިޒާމުގެ ސަބަބުން މިހާތަނަށް ބޮޑު ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

އީސީގެ ރައީސް އިތުރަށް ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލުމަށް ސޮއި ހަމަކުރަން އުޅޭ ބައެއް ފަރާތްތަކަށް ކުދިކުދި އޮޅުންތަކެއް އެރި ނަމަވެސް، އާންމުކޮށް ނިޒާމު ހިނގަމުންދަނީ އޮމާންކޮށް ކަމަށެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...