ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެންސީއައިޓީ އުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ “މޯލްޑިވްސް 2.0” ގެ 2025-2028 ގެ މަގުޗާޓު ތަންފީޒުކުރަން އުފެއްދި އިދާރާ ހިންގާނީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ކަމަށެވެ.

އަލަށް އުފެއްދި މި އިދާރާ ހިންގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެންސީއައިޓީން މިހާތަނަށް ކުރަމުން ދިޔަ ހުރިހާ މަސައްކަތްތަކެއް ދެން ކުރިއަށް ގެންދާނީ މި އަލަށް އުފެއްދި ޑިޖިޓަލް ސާވިސްގެ ދަށުންނެވެ.

މީގެ އިތުރުން، ރާއްޖެ ޑިޖިޓަލް ގައުމަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި “މޯލްޑިވްސް ޑިޖިޓަލް-ފަސްޓް ނޭޝަން” ކައުންސިލެއް ވެސް ރައީސް ވަނީ އުފައްދަވައިފައެވެ. މި ކައުންސިލުގައި ތިއްބަވާނީ ޑިޖިޓަލް ދާއިރާގެ ތަޖުރިބާކާރުން ކަމަށް ރައީސް މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.

ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު މަގްސަދާ ބެހޭގޮތުން ރައީސް ވިދާޅުވީ، “ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމާއި، ހިދުމަތްތައް އެންމެ ހަލުވި މިނުގައި އަދި އެފިޝަންޓްކޮށް ފޯރުކޮށްދިނުން” ކަމަށެވެ.

އަދި މީގެ ސަބަބުން ކޮރަޕްޝަން ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...