އުރީދޫން ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް އިސްރަށްވެހިންނާ އެކު ބާއްވައިފި

އޭދަފުށި ޓައިމްސްޚަބަރު

މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން މާލެ އަދި ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެއަށް އިސްރަށްވެހިން އަހުލުވެރިކުރުވުމަށް އެހީތެރިވެދިނުމަށް ހިންގާ ހަރަކާތެކެވެ.

މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރާނެ ގޮތާއި، އެކި ބާވަތުގެ ޑިޖިޓަލް ޚިދުމަތްތައް ހޯދާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ބޭނުންކުރާ އޮންލައިން ޓޫލްސްތަކަށް އިސްރަށްވެހިން އަހުލުވެރިކުރުވުމަށް ޕްރެކްޓިކަލް ތަމްރީނުތަކެއް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.

އުރީދޫއިން ބުނި ގޮތުގައި މި އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު ބާކީ ނުވިޔަ ނުދިނުމެވެ. ހާއްސަކޮށް، އިސްރަށްވެހިންގެ ބޭނުންތަކާއި އެ ބޭފުޅުންނަށް އުނގެނުމަށް ފަސޭހަވާނެ ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، އުނގެނުމުގެ ފުރިހަމަ މާހައުލެއް ވަނީ ފަހިކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ހިންގަމުންނެވެ. މިއީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި، ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައު ބާރުވެރިވެ، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ގަބޫލުކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...