ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކަށް 66 ޒުވާނުން ކިހާދުއަށް

އޭދަފުށި ޓައިމްސްޚަބަރު

މޯލްޑިވްސް ނެޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ތަމްރީނު ނިންމި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި 66 ޒުވާނަކު، ބ. ކިހާދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒަށް އިއްޔެ ފުރައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ އިނީޝިއަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން މިހާރު ވަނީ ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް ދިއުމަށް ފުރާފައެވެ. މި ޒުވާނުންނަކީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށެވެ.

މިއީ ޒުވާނުންނަށް ބޭނުންވާ ފަންނީ ހުނަރުތައް އުނގަންނައިދީ، މަސައްކަތުގެ މައިދާނަށް ތައްޔާރުކުރުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ.

މޯލްޑިވްސް ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުން 344 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަން، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ފަސްޓް އެއިޑް، އަދި ސެލްފް ޑިފެންސް ފަދަ މުހިންމު މާއްދާތަކެއް ކިޔަވައިދީފައިވާ ކަމަށް މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާބެހޭ މިނިސްޓްރީތަކުގެ ފަންނީ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...