އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ބ. އޭދަފުށީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދުވަސްވީ މީހާ އިތުރު ފަރުވާ ދިނުމަށްޓަކައި މިއަދު މެންދުރުފަހު މާލެ ފޮނުވާލައިފި އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އޭދަފުށީ ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ އަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަބޫބަކުރު މަޣްރިބު ނަމާދު ނިންމުމަށްފަހު ގެއަށް ދަނިކޮށް، މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕިކަޕު ދުއްވަން އިން މީހާ ބަލަންޖެހޭ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، އެކްސިޑެންޓުގެ ސަބަބުން އަބޫބަކުރުގެ ފައިގެ މަސްގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިކަމާ ގުޅިގެން ރޭގެ ވަގުތެއްގައި ސާޖަރީއެއް ހަދާފައިވާއިރު، އިތުރު ޓެސްޓުތަކެއް ހެދުމަށް މިއަދު މެންދުރުފަހު ވަނީ މާލެ ފޮނުވާލައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ޕިކަޕު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
