ސައްޓުގެ މޮޅު ކުޅުމާ އެކު ރާއްޖޭން ބަންގްލަދޭޝް ވެސް ބަލިކޮށްފި

އިޝާން އިބްރާހިމް (ސައްޓު) ގެ މޮޅު ކުޅުމާ އެކު ދިވެހިރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ދެވަނަ މެޗުން 6-1 އިން ބަންގްލަދޭޝް ބަލިކޮށްފި އެވެ.
ސައްޓު ވަނީ މި މެޗުގައި ގޯލެއް ވެސް ޖަހައިފަ އެވެ. ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ޖަހައިދިން ގޯލާ އެކު ލީޑު ކުރަނިކޮށް، ލީޑު ފުޅާ ކުރީ ސައްޓުގެ ގޯލަކުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފަސްވަނަ ގޯލެވެ. ސައްޓު ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
މި ހާފުގައި ރާއްޖެއަށް ދެން ލަނޑު ޖަހައިދިނީ އަހުމަދު ރާހިލް އަޝީދު (ރާއްކޮ) އާއި އަލީ ޝިޔާހު (ޝިޔާ) އެވެ. ޝިޔާގެ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ ކާޒީ އިބްރާހިމް އަހުމަދު ވަނީ އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފަ އެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ލަނޑުތައް ޖެހީ ރާއްކޮ އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ރާއްޖެ ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރީ 7-1 އިންނެވެ. އަދި މިއާ އެކު ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެއްވަނައިގަ އެވެ. ނޭޕާލާއި ޕާކިސްތާނަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، އިންޑިއާ އާއި ސްރީލަންކާ އާއި ބޫޓާން އަދި ބަންގްލަދޭޝް އަށް ވެސް ޕޮއިންޓެއް ވަނީ ލިބިފަ އެވެ.
ހަތް ޓީމު ވާދަކުރާ މުބާރާތުގައި ނޭޕާލާއި އިންޑިއާ އަދި ކުޅުނީ އެންމެ މެޗެކެވެ. ބާކީ ފަސް ޓީމު ވަނީ ދެ މެޗު ކުޅެފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
