ބިދޭސީ ކޯޗަކާ އެކު ގޯލްޑަން ފުޓްސަލް އަށް ތައްޔާރުވި އޭދަފުށީގެ ފުރަތަމަ މެޗު މިރޭ

ފުޓްސަލް އަށް ހާއްސަ ތައިލެންޑަށް ނިސްބަތްވާ ކޯޗަކާއި އެގައުމުގެ ފިޓްނަސް ކޯޗަކާ އެކު މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ތައްޔާރުވި އޭދަފުށި ޓީމުގެ ފުރަތަމަ މެޗު މިރޭ ކުޅޭނެ އެވެ.
އޭދަފުށީގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ދަރަވަންދޫއާ ދެކޮޅަށެވެ. އަތޮޅު ބުރުގައި ތިން ރަށުން ވާދަކުރާއިރު، ފުރަތަމަ މެޗުގައި ދަރަވަންދޫ އިން ވަނީ ފެހެންދޫ 1-2 އިން ބަލިކޮށްފަ އެވެ.
އޭދަފުއްޓަށް ގެނެސްފައިވާ ބިދޭސީ ކޯޗަކީ ތައިލެންޑުގެ ސަންތިޕާޕް ވޭސަން އެވެ. ވޭސަން ވަނީ އޭއެފްސީ ފުޓްސަލް ލެވެލް 1، 2 އަދި 3 ވެސް ފުރިހަމަކޮށްފަ އެވެ. ކޯޗިންގެ އިތުރުން ފުޓްސަލް އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ވޭސަން މަސައްކަތް ކުރެ އެވެ.
ވޭސަން ވަނީ 2025 ވަނަ އަހަރު ތައިލެންޑުގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފަ އެވެ. އެ ޓީމުން މިދިޔަ އަހަރު ވަނީ އޭޝިއާން 19 އަހަރުން ދަށުގެ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

ފުޓްސަލް ކެރިއަރުގައި ވޭސަން ވަނީ ތައިލެންޑުގެ އެންމެ މަތީ ލީގުގައި ވާދަކުރާ ފުޓްސަލް ޓީމެއް ކަމަށްވާ ސުރަތާނީ ފުޓްސަލް ކްލަބުގެ އެސިސްޓެންޓް ކޯޗުކަމާއި ހެޑް ކޯޗުކަން ކޮށްފަ އެވެ. އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަން 2020 ވަނަ އަހަރުން ފެށިގެން 2022 ގެ ނިޔަލަށް ކުރިއިރު، ހެޑް ކޯޗުކަން ކުރީ 2023 އަދި 2024 ވަނަ އަހަރު އެވެ.
ކޯޗުގެ އެހީތެރިއެއްގެ ގޮތުގައި އޭދަފުށި ޓީމާ އެކު މަސައްކަތްކުރާނީ ތައިލެންޑުގެ އަނޫޗާ (ޕީޓަރ) އެވެ. އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން ފިޓްނަސް ކޯޗެއްގެ ގޮތުގައި ވެސް ޕީޓަރ މަސައްކަތްކުރެ އެވެ.
ބިދޭސީ ދެ ކޯޗުންގެ އިރުޝާދާ އެކު އޭދަފުށި ފުޓްސަލް ޓީމު މިދިޔަ ދުވަސްތަކުގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ރަށުގަ އެވެ. ފުރަތަމަ މެޗުގައި ވާދަކުރުމަށް އޭދަފުށީ ފުޓްސަލް ޓީމު މިހާރު ތިބީ މާލޭގަ އެވެ.
މިއީ ފުޓްސަލް އަށް ހާއްސަ ބިދޭސީ ކޯޗަކާ އެކު ގޯލްޑަން ފުޓްސަލްގައި ޓީމަކުން ވާދަކުރާ ފުރަތަމަ ފަހަރެވެ.

އޭދަފުށި ގޯލްޑަން ފުޓްސަލް އަށް މިއަހަރު ވެސް ނެރުނީ މިދިޔަ އަހަރުތަކުގައި ވެސް އެމަސައްކަތް ކުރި އޭދަފުށީގެ “ޔުނައިޓެޑް ވީ” އިންނެވެ.
ޔުނައިޓެޑް ވީ އިން އަންނަނީ 2018 ވަނަ އަހަރު ފެށިގެން ގޯލްޑަން ފުޓްސަލްގައި އޭދަފުށި ތަމްސީލުކުރަމުންނެވެ. އަދި، 2024 ވަނަ އަހަރު އޭދަފުށިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިރޭ މެޗަށް ފަހު އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާ ފެހެންދޫ ވާދަކުރާ މެޗު އޮންނާނީ ޖަނަވަރީ 19 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރު އެވެ.
އަތޮޅު ޗެމްޕިއަންކަން ކަނޑައަޅަން ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 22 ވަނަ ދުވަހުގެ ރޭ 21:45 ގަ އެވެ.
އަތޮޅު ބުރުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު 6 ފަހަރު ވެސް ހޯދީ އޭދަފުށިންނެވެ. އެގޮތުން އޭދަފުށިން ވަނީ 2018، 2019، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 119 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތް ކުރިއަށްދާނީ ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭދަފުއްޓާއި ދަރަވަންދޫ ވާދަކުރާ މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް ދޭއްގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
