މުޑާގެ ހެޓްރިކާ އެކު އޭދަފުށިން ދަރަވަންދޫ ބަލިކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު
ދަރަވަންދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޭދަފުށީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.—- ފޮޓޯ: ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ދަރަވަންދޫ ބަލިކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 2 ގައި ކުޅުނު މެޗުން އޭދަފުށި މޮޅުވީ 0-5 އިންނެވެ.

އަތޮޅު ބުރުގެ މެޗުތަައް އޭދަފުށި ކުޅެނީ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ނުލަ އެވެ. ސައްޓު މިވަގުތު ހުރީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމާ އެކު އެވެ.

ސައްޓުގެ އިތުރުން މުހައްމަދު ފާސިރު (ފާއްޓެ) ވެސް މިފަހަރު ނުފެނެ އެވެ. ފާއްޓެ މިހާރު ކުޅެމުން އަންނަނީ ފުރަތަމަ ޑިވިޝަނުގެ ނިއު ރޭޑިއަންޓަށެވެ.

އޭދަފުށި ހޯދި މޮޅުގައި ހުސައިން ޝަރީފް (މުޑާ) ވަނީ ހެޓްރިކް ހަދައިފަ އެވެ.

ފުރަތަމަ ހާފު އޭދަފުށި ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. އޭދަފުށީގެ ފުރަތަމަ ގޯލު ޖެހީ އަލީ ނަސީމް (ދިއްލި) އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭދަފުށީގެ ގޯލު މުޑާ ކާމިޔާބު ކޮށްދިނީ ބޮލުން ޖަހަ އެވެ. ދެ ވަނަ ހާފުގައި މުޑާ ވަނީ މޮޅު ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

އޭދަފުށީ ޓިމު – ފޮޓޯ: ރާއިފް ޔޫސުފް

އޭދަފުށީގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިމްތިސާލް އަބްދުއްރަހީމް (ޕަބް) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި މުޑާ އެވެ.

މިރޭ މެޗަށް ފަހު އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާ ފެހެންދޫ ވާދަކުރާ މެޗު އޮންނާނީ ޖަނަވަރީ 19 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރު އެވެ.

އަތޮޅު ޗެމްޕިއަންކަން ކަނޑައަޅަން ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 22 ވަނަ ދުވަހުގެ ރޭ 21:45 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...