ދޯނި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ހިތާދޫގެ ކެޕްޓަނެއް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

މާލެ އަތޮޅު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިއަށް އިއްޔެ ހެނދުނު ބޯޓެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި ނިޔާވީ ދިވެއްސަކީ ބ. ހިތާދޫގެ ރައްޔިތެއްކަން ޔަގީންވެއްޖެ އެވެ.

ހާދިސާގައި ނިޔާވީ ހިތާދޫ، މުނިޔާ، އަލީ ހުސައިން (60އ) އެވެ.

އަލީ ހުސައިން އަކީ ކަނޑުދަތުރުކުރުމުގައި ހަޔާތުގެ ބޮޑު ބައެއް ހޭދަކުރި ތަޖުރިބާކާރު ކެޕްޓަނެކެވެ. އެގޮތުން ސަޕްލައި ދޯނިތަކުގައި އަދި އިއްޔެ ބަންޑުން ޖަހާލި ދޯނީގައި ވެސް ގިނަ އަހަރުތަކެއް ވަންދެން އަލީ ހުސައިން އުޅެފައިވެ އެވެ.

“ބަލްމާ-6” ނަމަކަށް ކިޔާ ބޯޓު ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެތެރެއިން ގެއްލުނީ ދެމީހުންނެވެ. ދެމީހުންގެ ތެރެއިން އަލީ ހުސައިން ނިޔާވެފައި އޮއްވައި ފެނުނުއިރު ދެން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ދޯނީގައި ދެން ތިބި މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުންނެވެ.

އަލީ ހުސައިންގެ ޖަނާޒާ ރޭގެ އިޝާ ނަމާދަށް ފަހު އާ ސަހަރާގައި ވަނީ ބާއްވައިފަ އެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ. ބަންޑުން ޖަހާލި ބޯޓު އޮތީ ފަރުމަތީގައި ކަމަށެވެ. އަދި، ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...