ފެހެންދޫ ކަޓައި އަތޮޅު ފައިނަލަށް އޭދަފުއްޓާއި ދަރަވަންދޫ ދަތުރުކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު
މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ/ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ، އަތޮޅު ފައިނަލުގެ ޖާގަތައް އޭދަފުއްޓާއި ދަރަވަންދޫ އަށް ލިބިއްޖެ އެވެ.

އަތޮޅުގެ ފަހު މެޗުގައި ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އެއްވަރުވުމުން، އޭދަފުއްޓަށް އަތޮޅު ބުރުގެ އެއްވަނަ ވަނީ ކަށަވަރުވެފަ އެވެ. އޭދަފުއްޓަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ދަރަވަންދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. ފެހެންދޫ ކެޓީ ދެ މެޗުން އެއް ޕޮއިންޓް ލިބުމުންނެވެ.

ދަރަވަންދޫ އަށް އަތޮޅު ފައިނަލުގެ ފުރުސަތު ފަހިވީ ފުރަތަމަ މެޗުގައި ފެހެންދޫ އަތުން 1-2 އިން މޮޅުވުމުންނެވެ. މިއީ ދަރަވަންދޫ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިއަދު ކުޅުނު މެޗުގައި އޭދަފުށީގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ އަލީ ނަސީމް (ދިއްލި) އެވެ. އިމްތިސާލް އަބްދުއްރަހީމް (ޕަބް) ފެހެންދޫގެ ކީޕަރަށް ޖާގަ ނުދީ ހުސްކޮށްލާފައި ދިއްލި އަށް ދިން ބޯޅަ ގޯލަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ.

މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ކުޅުނު މެޗުގެ ތެރެއިން– ފޮޓޯ/ރާއިފް ޔޫސުފް

ފުރަތަމަ ހާފުގައި ފެހެންދޫ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒައިން އެވެ. ސާޖިދު ޖައްސާލި ބޯޅަ ޒައިން ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ދެވަނަ ހާފުގައި އޭދަފުށިން ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅުނަސް ފެހެންދޫ އިން ވެސް ދިޔައީ ނުރައްކާކުރަމުންނެވެ. މި ހާފުގައި ވީޑިއޯ ސަޕޯޓުގެ އެހީ ހޯދުމަށް ފަހު ފެހެންދޫ އަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ސާޖިދު ފޮނުވާލުމުން އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހުކޮޅު އޭދަފުށިން ގިނަ ހަމަލާތަކެއް އުފައްދައި ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު، ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އޭދަފުއްޓާއި ދަރަވަންދޫ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ މެޗު ފަށާނީ އެރޭ 9:45 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...