ކަމަދޫގައި ތަރައްގީކުރި ވޯޓާޕާކު ހުޅުވައިފި

ބީޗަކުން ލިބެންހުންނާނެ ހުރިހާ ޚިދުމަތްތަކަކާއެކު، ބ. ކަމަދޫގައި ތަރައްގީކުރި ލޯކަލް ބީޗް “ކާނި ބީޗު” އާއި އެ ރަށުގެ ވޯޓާޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
ކަމަދޫ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވީ، އަލަށް ހުޅުވި ބީޗަކީ ހުރިހާ އުމުރުފުރައަކަށް ވެސް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ.

އެގޮތުން ބީޗުގައި ގޮނޑިއާއި، މޭޒާއި، ޖޯއްޔާއި، އުނދޯލީގެ އިތުރުން ހަޓުތައް ވެސް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ބާބަކިއު ހަދާ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކާއި މަސްކަނޑާނެ ތަނެއް ވެސް އެ ސަރަހައްދުގައި ވަނީ ހަދާފައެވެ.
މޫދަށް އެރޭ ފަރާތްތަކަށް ފެންވެރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، ކުޑަކުދިންނަށް ޚާއްސަކޮށްގެން ވޯޓާޕާކެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.
ޒަރީރު ވިދާޅުވި ގޮތުގައި މި ބީޗު ތަރައްގީކުރުމަށް ޖުމްލަ އެއް މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައިވާއިރު، އޭގެ ތެރެއިން ހަތަރުލައްކައާއި ބައިމިލިއަނާ ދެމެދުގެ އަދަދެއް ޚަރަދުކުރީ ކައުންސިލްގެ ބަޖެޓުންނެވެ.
މިފަދަ ބީޗެއް ތަރައްގީކުރަން ނިންމި ސަބަބާ ގުޅޭގޮތުން ޒަރީރު ވިދާޅުވީ، “އަޅުގަނޑުމެން މި ދައުރުގެ ހުވާކޮށްފަ ފަސް އަހަރުގެ ތަރައްގީ ޕްލޭން ރައްޔިތުންނާ މަޝްވަރާކޮށްފަ ހެދިއިރު [އެނގުނީ] އާންމުން މަޖާކޮށްލައި މޫދަށް އެރޭނެ ސަރަހައްދެއް ނެތްކަން،” ކަމަށެވެ. އެހެންކަމުން މި މަސައްކަތަކީ 2021 ވަނަ އަހަރުން ފެށިގެން ބަޖެޓު ހޯދައިގެން ކުރަމުން އައި މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަމަދޫއަކީ މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. އެގޮތުން ނިމިދިޔަ ހަފުތާގައި އެކަނިވެސް 300 އެއްހާ ފަތުރުވެރިން އެ ރަށަށް ޒިޔާރަތްކޮށްފައިވެއެވެ. ކައުންސިލުން އުންމީދު ކުރަނީ މި އައު ބީޗާއި ވޯޓާޕާކުގެ ސަބަބުން ރަށުގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ލިބި، ރަށަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
