ސައްޓުގެ ހިއްސާއާ އެކު ހޯދި ރަން މެޑަލުން އޭދަފުށްޓަށް ބޮޑު ފަހުރެއް

ފުޓްސަލްގެ ރަން މެޑަލް ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދި ޓީމުގައި އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ހިމެނި، އޭދަފުއްޓަށް އަނެއްކާ ވެސް ބޮޑު ފަހުރެއް ލިބިއްޖެ އެވެ.
ގައުމީ ފިރިހެން ފުޓްސަލް ޓީމުން މިއަދު ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާން 1-3 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ރާއްޖޭން ޗެމްޕިއަންކަން ކަށަވަރުކުރީ ލީގު ބުރުގެ ހަ މެޗުގެ ތެރެއިން ފުރަތަމަ ފަސް މެޗުން މޮޅުވެގެންނެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްސަލް ޓީމުން ފެށި ފަސް ކުޅުންތެރިންގެ ތެރޭގައި، ހުރިހާ މެޗެއްގައި ވެސް ސައްޓު ވަނީ ހިމެނިފަ އެވެ. އަދި، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސައްޓު ހޯދި އެވެ.
މީގެ ކުރިން ވެސް ސައްޓު ވަނީ ގައުމީ ފުޓްސަލް ޓީމާ އެކު ތިން ފަހަރަކު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅެފަ އެވެ.
ސައްޓު ވަނީ ފުޓްބޯޅަ އާއި ފުޓްސަލްގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް އާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ވެސް ސައްޓު ހޯދި އެވެ. ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު ދެ ފަހަރު ހޯދިއިރު ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން އޭދަފުއްޓާ އެކު ހޯދީ 2024 ވަނަ އަހަރު އެވެ.
ސައްޓު ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅެ ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އަދި، 2024 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމުގައި ވެސް ސައްޓުގެ ދައުރު ބޮޑެވެ. މީގެ އިތުރުން ސައްޓު ވަނީ 2016 ވަނަ އަހަރު އޭދަފުށިން ކާމިޔާބުކުރި މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ސައްޓު ހިމެނިގެން ރާއްޖޭން ރަން މެޑަލް ހޯދިއިރު، އޭދަފުށީގެ ކުޅުންތެރިން ވަނީ ރާއްޖޭން ފުޓްބޯޅަ އާއި ފުޓްސަލްގައި ހޯދި ތާރީހީ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވެފަ އެވެ.
ރާއްޖޭން ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ރިހި މެޑަލް ހޯދިއިރު އޭރުގެ ޓީމުގައި އޭދަފުއްޓަށް އުފަން އަބްދުލްވާހިދު ހުސައިން ހިމެނުނެވެ. ގައުމީ ޓީމު ރިހި މެޑަލް ހޯދީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ. އޭރު ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ވާހިދު އަކީ ސައްޓުގެ ބޮޑުބޭބެއެކެވެ.
ރާއްޖޭން ފުޓްބޯޅައިގެ ރިހި މެޑަލް ހޯދުމަށް ފަހު، ރަން މެޑަލް ފުރަތަމަ ފަހަރަށް ހޯދީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެފަހަރުގެ ޓީމުގައި މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އަދި އަހުމަދު ޝާފިއު (ޝާފީ) ހިމެނުނެވެ.
ފުޓްބޯޅައިގައި ރާއްޖޭން ދެ ވަނަ ފަހަރަށް ރަން މެޑަލް ހޯދީ 2018 ވަނަ އަހަރު އެވެ. އެ ޓީމުގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނި، ދެކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ.
އޭދަފުއްޓަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އެއްރަށަކުން އެންމެ ގިނަ ކުޅުންތެރިން ނެރެދީފައިވާ ރަށެވެ.
ފުޓްސަލް އިން ރާއްޖެ ހޯދި ބޮޑު ކާމިޔާބީގައި އޭދަފުށީގެ ކުޅުންތެރިއެއްގެ ހިއްސާ އޮތުމަކީ އޭދަފުށީގެ ނަން އަނެއްކާ ވެސް ތާރީހުގައި ލިޔެވިގެންދާނެ ކަމެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
