އޭދަފުށި ހިމެނޭ ޒޯން ތިނެއްގެ ކުޅުން މިރޭ ފަށަނީ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި އޭދަފުށި ހިމެނޭ ޒޯން ތިނެއްގެ ކުޅުން މިރޭ ފަށާނެ އެވެ.
ޒޯން ބުރުގައި ބ. އަތޮޅު ޗެމްޕިއަންކަން ހޯދި އޭދަފުށީގެ އިތުރުން ވާދަކުރަނީ، ކ. އަތޮޅުގެ ޗެމްޕިއަން ގާފަރާއި އެ އަތޮޅުގެ ރަނަރަޕް މާފުށީގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކުރެންދޫ އެވެ.
އޭދަފުށީގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ މާފުއްޓާ ދެކޮޅަށެވެ. ޒޯންގެ އަނެއް މެޗުގައި ގާފަރާއި ކުރެންދޫ ވެސް މިރޭ ވާދަކުރާނެ އެވެ.
ޒޯންގައި އޭދަފުށީ ކުޅޭ ދެވަނަ މެޗުގައި ކުޅޭނީ ކުރެންދޫއާ އެވެ. އަދި، ފަހު މެޗުގައި ކުޅޭނީ ގާފަރާ އެވެ.
ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން، އަންނަ އަންގާރަ ދުވަހު ގައުމީ ޓީމު އެނބުރި އަންނައިރު، އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން އެދުވަހުގެ މެޗުތައް ވަނީ ފަސްކޮށްފަ އެވެ.
ޒޯން ތިނެއްގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ އޭދަފުށިންނެވެ. ފައިނަލުގައި ކ. ކާށިދޫއާ ވާދަކޮށް އޭދަފުށިން ޒޯން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
ޒޯން ބުރުގެ ފައިނަލަށް ހޮވޭ ދެ ޓީމަށް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.
އޭދަފުށިން އަތޮޅު ޗެމްޕިއަންކަން 7 ވަނަ ފަހަރަށް ހޯދީ އަތޮޅު ފައިނަލުގައި ދަރަވަންދޫ 0-2 އިން ބަލިކޮށްގެންނެވެ. ދަރަވަންދޫގެ އިތުރުން އަތޮޅު ބުރުގައި ވާދަކުރީ ފެހެންދޫ އެވެ.
އޭދަފުއްޓާއި މާފުށި ވާދަކުރާ މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް އެކެއްގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
