ގޮއިދޫ އަންހެނުންގެ ކޮމިޓީގެ މަދަހަ މުބާރާތް އަންނަ މާޗު މަހު ފަށަނީ

ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށު ކައުންސިލް ގުޅިގެން ބާއްވާ މަދަހަ މުބާރާތް، އަންނަ ރަމަޟާން މަހާ ދިމާކޮށް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ 5 މާރިޗު 2026 ގައެވެ.
މިއީ މިދިޔަ އަހަރުން ފެށިގެން އެ ރަށު އަންހެނުންގެ ކޮމިޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލް ކުދިންނަށާއި އާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ސްކޫލް ކުދިންގެ ބައި ތިން ގިންތިއަކަށް ބަހާލާފައިވާއިރު، އެއީ ގްރޭޑް 1-3، ގްރޭޑް 4-6 އަދި ގްރޭޑް 7-10 އެވެ.
އާންމުންގެ ބައިގައި އުމުރުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މި މުބާރާތުގައި ގްރޫޕްކޮށް މަދަހަ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިނާމުތަކުގެ ތަފްސީލް
ވަކިވަކި ފަންނާނުންގެ ބައިން އެއްވަނައަށް 1,000 ރުފިޔާ، ދެވަނައަށް 700 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާ ކަނޑައަޅާފައިވެއެވެ. ގްރޫޕް ބައިން އެއްވަނަ ގްރޫޕަށް 4,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނަ ގްރޫޕަށް 2,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މުޅި މުބާރާތުން ހޮވޭ ވަނަތަކުގެ އިތުރުން، މި ފަހަރުގެ މުބާރާތުގައި “މަދަހަ ރަން އަޑު” ގެ ނަމުގައި ހާއްސަ ވަނައެއް ހޮވުމަށްވެސް ވަނީ ނިންމާފައެވެ.
ގޮއިދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ފަތީނާ އަބްދުއް ރަހީމް ވިދާޅުވީ، މިއީ ގޮއިދޫގެ ދަރިވަރުންނާއި އާންމުންގެ މެދުގައި ދީނީ ރޫޙު އާލާކޮށް، މަދަހަ ކިޔުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
