ބ. އަތޮޅުގެ ޒުވާނުން 101 ކިލޯގެ ބޮޑު ކަންނެއްޔެއް ބާނައިފި

ބ. އަތޮޅުގެ ޒުވާން މަސްވެރިންތަކެއް އިސްނަގައިގެން ކުރި މަސްވެރިކަމެއްގައި، ބަރުދަނުގައި 101 ކިލޯ ހުރި ބޮޑު ކަންނެއްޔެއް ބާނައިފިއެވެ.
މިއީ މި ދުވަސްވަރު ބ. އަތޮޅުގެ ޒުވާނުން ބޭނި މިފަދަ ދެވަނަ ބޮޑު ކަންނެއްޏެވެ. މީގެ ކުރިން ބ. ފެހެންދޫގެ ޒުވާނުންތަކެއްވެސް ވަނީ މި ބަރުދަނުގެ ކަންނެއްޔެއް ބާނާފައެވެ.
މި ކަންނެލި ބޭނުމުގައި އުޅުނީ ބ. މާޅޮހު ތިން ޒުވާނުންނެވެ. ޓްރޮލް ކޮށްގެން ބޭނި މި ކަންނެލި ނެގުމަށް ގާތްގަޑަކަށް 40 މިނެޓު ހޭދަވި ކަމަށް މަސްވެރިން މައުލޫމާތު ދެއެވެ. މިއީ އާންމުކޮށް އަތޮޅުގެ އެތެރެވަރިން ފެންނަ ވަރަށްވުރެ މާ ބޮޑު މަހެއްކަން ފާހަގަކުރެވެއެވެ.
މަސްވެރިން ބުނާ ގޮތުގައި މިހާ ބޮޑެތި ކަންނެލި އާންމުކޮށް ބާނަނީ އަތޮޅުން ބޭރުން 40 ނުވަތަ 60 މޭލު ދުރުންނެވެ. ނަމަވެސް މި ދުވަސްވަރަކީ ބ. އަތޮޅަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ސީޒަނަކަށް ވުމާއެކު، އަތޮޅުގެ ކައިރި ސަރަހައްދުތަކުން މިފަދަ ބޮޑެތި މަސް ފެންނަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މިއަހަރަކީ ބ. އަތޮޅުގައި ކަންނެލި މޫސުން އާދަޔާ ހިލާފަށް ދިގުލައިގެން ގޮސްފައިވާ އަހަރެކެވެ. އާންމުކޮށް މި މޫސުމުގައި ކަންނެލި އެންމެ ގިނައިން ބާނަނީ ގޮއިދޫ ކައިރިން ކަމަށްވާއިރު، އަތޮޅުގެ ޒުވާނުން މި ސީޒަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
