އޭދަފުށީގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ޓްރާންސްފޯމަރުތަކުން ކަރަންޓް ދޭން ފަށައިފި

ބ. އޭދަފުށީގެ ކަރަންޓް ވިއުގައަށް ދިމާވެފައިވާ ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން، ޓްރާންސްފޯމަރުތައް މެދުވެރިކޮށް ކަރަންޓް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަން އޭދަފުށި ބްރާންޗުން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ގާއިމުކުރި ޓްރާންސްފޯމަރު ހަޓްތަކުގެ މަސައްކަތް ނިމި، މިދިޔަ ޖެނުއަރީމަހު ފަހުކޮޅު ވަނީ ތިން ޓްރާންސްފޯމަރެއް މެދުވެރިކޮށް ކަރަންޓް ދޭން ފަށާފައެވެ.
އޭދަފުށީ އިންޖީނުގެ މެނޭޖަރު ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، މި ބަދަލާއެކު އޭދަފުށީގެ ކަރަންޓް ވިއުގަ މިހާރު ވަނީ މުޅިން އަޕްގްރޭޑް ކުރެވިފައެވެ. މިއީ ރަށުގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ކުރިން ބޭނުންކުރި 27 އަހަރުވީ ނެޓްވޯކަށް ލޯޑް ނުހިފެހެއްޓުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
ތޮލާލު ވިދާޅުވީ ހައިވޯލްޓޭޖް ކޭބަލްތަކުން ޓްރާންސްފޯމަރުތައް ގުޅާލައި ކަރަންޓް ދޭން ފެށުމުން، މީގެ ކުރިން ދިމާވި ވޯލްޓޭޖްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ބުރަ މަސައްކަތް ފެށުނީއްސުރެ ނިމެންދެން އަމަލީ ގޮތުން މަސައްކަތް ކުރެއްވި ކުންފުނީގެ ހީވާގި މުވައްޒަފުންނަށް މެނޭޖަރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިގެން ކަރަންޓް ވިއުގަ ވަރުގަދަ ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން މިހާރު ބޭނުންކުރަން ފެށި ތިން ޓްރާންސްފޯމަރާއެކު މިހާރުވެސް މުޅިރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ސޯލާ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރަމުންދާ 5 ވަނަ ޓްރާންސްފޯމަރު ހަޓް ނިމުމުން ޓްރާންސްފޯމަރު 4 އާއެކު މިހާރު އަޕްގްރޭޑް ކުރެވިފައިވާ ނެޓްވޯކަށް ގުޅާލެވޭނެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
