ޒޯން ފައިނަލުގައި އޭދަފުއްޓާއި ގާފަރު މިރޭ 8 ޖަހާއިރު

ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުއްޓާއި ގާފަރު މިރޭ ވާދަކުރާނެ އެވެ.

ޒޯން ތިނެއްގައި ބ އަދި ކ އަތޮޅުގެ އިތުރުން ހިމެނެނީ ޅ. އަތޮޅެވެ.

ޒޯން ބުރުގެ ކުޅުން ނިމުނުއިރު 7 ޕޮއިންޓާ އެކު އެއް ވަނަ ހޯދީ އޭދަފުއްޓެވެ. ދެ ވަނަ ލިބުނީ 5 ޕޮއިންޓް ލިބުނު ގާފަރަށެވެ. ޅ. އަތޮޅު ޗެމްޕިއަން ކުރެންދޫއަށް 4 ޕޮއިންޓާ އެކު ތިން ވަނަ ލިބުނުއިރު ގްރޫޕުގެ ފުލަށް ދިޔަ މާފުށި ވަނީ ޒޯންގެ ތިން މެޗުން ވެސް ބަލިވެފަ އެވެ.

އޭދަފުއްޓާއި ގާފަރު ވަނީ ޒޯން ފައިނަލުގެ ޖާގައާއެކު ގަދަ 16 އަށް ވެސް ހޮވިފަ އެވެ. ޒޯން ބުރާ އެކު މުބާރާތުން ކެޓީ ކުރެންދޫ އާއި މާފުއްޓެވެ.

މިރޭ ޒޯން ފައިނަލުގައި އޭދަފުއްޓާއި ގާފަރު ވާދަކުރާއިރު މި ދެޓީމު ޒޯން ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އޭދަފުށި ޒޯން ބުރަށް ކޮލިފައިވީ އަތޮޅު ޗެމްޕިއަންކަން ހޯދައިގެންނެވެ. އަތޮޅު ފައިނަލުގައި އޭދަފުށިން ވަނީ ދަރަވަންދޫ 0-2 އިން ބަލިކޮށްފަ އެވެ. އޭގެފަހުން ޒޯން ބުރުގެ ފުރަތަމަ ދެ މެޗުގައި މާފުއްޓާއި ކުރެންދޫ އަތުން 0-1 އިން މޮޅުވިއެވެ.

ގާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާފުށި ބަލިކޮށްގެންނެވެ. ޒޯން ބުރުގައި ކުރެންދޫއާ ދެކޮޅަށް ގާފަރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި، ދެ ވަނަ މެޗުގައި 0-3 އިން މާފުށި ބަލިކުރި އެވެ.

ޒޯން ފައިނަލަށް ފަހު ދެ ޓީމު ވެސް ނުކުންނާނީ ގަދަ 16 ގެ މެޗުތަކަށެވެ. އެ މެޗުތައް ކުޅޭނީ ފެބްރުވަރީ 5 ވަނަ ދުވަހުގެ ރެ އެވެ.

އޭދަފުއްޓާއި ގާފަރުގެ ވާދަވެރި ތިން ކުރިމަތިލުމެއް 2024 ވަނަ އަހަރުގެ މުބާރާތުގައި ވަނީ ފެނިފަ އެވެ. އެ އަހަރު ޒޯން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މޮޅުގެ ގާފަރު ވަނީ ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އެފަހަރުގެ ސެމީ ފައިނަލުގައި އޭދަފުށިން ވަނީ ގާފަރު ބަލިކޮށްފަ އެވެ. އަދި އެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ވެސް އޭދަފުށިން ވަނީ ހޯދައިފަ އެވެ.

މިރޭ އޭދަފުއްޓާއި ގާފަރު ވާދަކުރާ ޒޯން ފައިނަލް މެޗު ފަށާނީ 8 ޖަހާއިރު އެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑުގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...