އަތޮޅާއި ޒޯންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް މުޑާ އަށް

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ބ. އަތޮޅު ބުރާއި ޒޯން ތިނެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ ހުސައިން ޝަރީފް (މުޑާ) ހޯދައިފި އެވެ.
އޭދަފުށިން ވަނީ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދަރަވަންދޫ 0-2 އިން ބަލިކޮށްގެންނެވެ. ޒޯން ތިނެއްގެ ޗެމްޕިއަންކަން ރޭ ހޯދީ ކ. ގާފަރާ ވާދަކުރި ފައިނަލް މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީގައި 2-4 އިން ކުރި ހޯދައިގެންނެވެ.
އޭދަފުށިން އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދިއިރު ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ މުޑާ އެވެ.
މުޑާ ވަނީ އޭދަފުށި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މުބާރާތުގައި މިހާތަނަށް ހަތަރު ގޯލު މުޑާ ކާމިޔާބުކޮށްފައިވެ އެވެ. ކުޅުނު ހަތް މެޗުގައި ރީނދޫ ކާޑެއް އަދި ރަތް ކާޑެއް ދައްކާފައިނުވާއިރު މުބާރާތުގައި މުޑާ މިހާތަނަށް ކޮށްފައިވަނީ ވެސް އެންމެ ދެ ފައުލް އެވެ.
މުޑާ ވަނީ ބ. އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
ރޭގެ ފައިނަލްގައި ވެސް މުޑާ މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
އޭދަފުށީގައި އަރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން މުޑާ އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ނަމެވެ. މިދިޔަ އަހަރުތަކުގައި އޭދަފުށިން ހޯދި ކާމިޔާބީތަކުގައި މުޑާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހުނަރާއި އަހްލާގުގެ ގޮތުން ބެލިނަމަވެސް މުޑާ އަކީ ވަރަށް ނަމޫނާ ކުޅުންތެރިއެކެވެ.
އޭދަފުށި މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާއިރު، އެ މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭދަފުއްޓާ ދެކޮޅަށް ނޮކައުޓް ބުރުގައި ނުކުންނާނީ ޒޯން 5 އިން 8 އާ ދެމެދުގެ ރަނަރަޕް ޓީމެކެވެ. ކޮން ޓީމެއްކަން އެނގޭނީ މިރޭ އޮންނަ ގުރު ނެގުމުގެ ރަސްމިއްޔާތަށް ފަހު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
