އޭދަފުށީ ކައުންސިލްގެ ދެ ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އޭދަފުށީ ކައުންސިލަށް އިންތިޚާބު ކުރަން ޖެހޭ ފަސް މެންބަރުންގެ ތެރެއިން، އަންހެން މެންބަރުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަށަވަރު ކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން މި ދެ ގޮނޑިއަށް ކުރިމަތިލެއްވީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފް އެވެ.
ޒީމާ މިހާރު ވެސް ހުންނެވީ އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމުގައެވެ. އަދި ނާޒްނީން އަކީ މިހާރު ވެސް މިރަށު ކައުންސިލްގެ މެންބަރެކެވެ. މި ދެ ބޭފުޅުންނަށް ގޮނޑި ކަށަވަރުވީ، އެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، އޭދަފުށީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ގޮނޑިތައް ވެސް ވާދަވެރި ކެންޑިޑޭޓަކު ނެތުމުގެ ސަބަބުން ޕީއެންސީން ވަނީ ކަށަވަރު ކޮށްފައެވެ.
މި ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އަދި އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އާންމު އުސޫލުން އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރުވާ ހާލަތްތަކުގައި، ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރުމަށްފަހު، އެ ފަރާތްތައް އިންތިޚާބުވިކަން ރަސްމީކޮށް ފަހުން އިއުލާނު ކުރާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
