ގޯލްޑް ކަޕްގެ ދެވަނަ އެޑިޝަން ކ. ހިންމަފުށީގައި

ސިޓީ ތަކާއި ރަށްތަކަށް ހުޅުވާލައިގެން 2014 ގައި ބާއްވަން ފެށި ވޯލްޑް ކަޕްގެ ދެވަނަ އެޑިޝަންގެ މުބާރާތް ކ. ހިންމަފުށީގައި ބާއްވަން އިއުލާންކޮށްފި އެވެ.
މި މުބާރާތް އިންތިޒާމުކުރާ ނައިންޓީ ޕްލަސް އާއި ހިންމަފުށީ ކައުންސިލާ ދެމެދު މިއަދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ޖުލައި 25 އިން އޯގަސްޓް 30 ގެ ނިޔަލަށެވެ. ހިންމަފުއްޓަކީ މީގެ ކުރިންވެސް މި މުބާރާތުގެ ކ. އަތޮޅު ކޮލިފައިން ބޭއްވުމަށް ކަނޑައަޅާފައި އޮތް ރަށެއް ނަމަވެސް، މިފަހަރު މުޅި މުބާރާތް އެ ރަށުގައި ބޭއްވުމަށް މިވަނީ ނިންމާފައެވެ.
މުބާރާތުގެ ފޯމެޓާއި ޓީމުތައް
މިފަހަރުގެ މުބާރާތުގައި ޖުމުލަ 28 ޓީމަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން، ހާއްސަ ދައުވަތެއްގެ ދަށުން ބައިވެރިވާ ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީއެވެ. ބާކީ ހުރި 18 ޖާގަ ހާއްސަކޮށްފައިވަނީ ރާއްޖޭގެ 18 އަތޮޅަށެވެ. ކޮންމެ އަތޮޅަކުން އެއް ޓީމަށްވުރެ ގިނައިން ބައިވެރިވާން އެދިއްޖެނަމަ، އެ އަތޮޅަކުން ވާދަކުރާނެ ޓީމެއް ކަނޑައަޅާނީ ކޮލިފައިން މަރުހަލާއަކަށް ފަހުގައެވެ.
މިދިޔަ އަހަރުގެ ނަތީޖާއަށް ބަލައި މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ ސިޓީ، މާލެ ސިޓީ، ރ. އަލިފުށި، ފުވައްމުލަކު ސިޓީ، ކ. ގުރައިދޫ، ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
މުބާރާތް ކުރިއަށްދާނެ ގޮތް
މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހާލުމަށް ހަމަޖެހިފައިވަނީ ހަތް ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ 16 ޓީމެވެ. އެއީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ.
ޖުމުލަ 35 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 42 މެޗު ކުޅުމަށް ވަނީ ރޭވިފައެވެ. އިންތިޒާމުކުރާ ފަރާތުން ބުނިގޮތުގައި މުބާރާތް ކުރިއަށްދާ ދުވަސްތަކުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅޭނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
