ގޯލްޑަންގެ ގަދަ 16 މެޗުގައި އޭދަފުށި މަންޗަންގޮޅިއާ ދެކޮޅަށް

ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުގައި އޭދަފުށި، މާލެ މަންޗަންގޮޅިއާ ވާދަކުރަން ޖެހިއްޖެ އެވެ.

ގަދަ 16 ގައި ވާދަކުރާ ޓީމުތަކުގެ ގުރުނެގުން ރޭ ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މުބާރާތުގެ ގަދަ 16 އިން އޭދަފުށި ފުރުސަތު ހޯދީ ޒޯން ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށި ވަނީ ކ. ގާފަރު ޕެނަލްޓީގައި ބަލިކޮށްފަ އެވެ. ފައިނަލް މެޗު 2-2 އިން އެއްވަރުވިއިރު ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 2-4 އިންނެވެ.

އޭދަފުށިން ވަނީ މިފަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދަރަވަންދޫއާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ.

މުބާރާތުގެ ގަދަ 16 މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ މަންޗަންގޮޅި ވަނީ މާލެ ޒޯންގެ ދެ ވަނަ ހޯދައިފަ އެވެ. އަދި ޒޯން ފައިނަލުގައި ވިލިމާލެއާ ވާދަކޮށް އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އޭދަފުއްޓާއި މަންޗަންގޮޅި ވާދަކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. އެ މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް 2 ގަ އެވެ.

ގަދަ 16 ގެ މެޗުތައް (05 ފެބްރުވަރީ)

ދުވާފަރު – ހިތަދޫ (16:00)
އޭދަފުށި – މަންޗަންގޮޅި (16:00)
ނައިވާދޫ – ދިއްގަރު (20:00)
މަތިވެރި – އިސްދޫ (20:00)
ތިމަރަފުށި – މާރަންދޫ (21:30)
ދެއްވަދޫ – ކެޔޮދޫ (21:30)
ކުޑަހުވަދޫ – ކަނޑިތީމު (22:45)
ވިލިމާލެ – ގާފަރު (22:45)

ކޮމެންޓްސް (0)

ލޯޑް ކުރަނީ...