ބީއެމްއެލް އިން އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޚަބަރު

މިއަހަރު އުމްރާގެ އަޅުކަމަށް ފުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޑޮލަރު ވިއްކުމުގެ އިންތިޒާމްތައް އެ ބޭންކުން ހަމަޖައްސައިފިއެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، އުމްރާވެރިންނަށް ޑޮލަރު ދޫކުރުން ކުރިއަށްދާނީ 8 ފެބްރުވަރީ އިން ފެށިގެން 26 ފެބްރުވަރީ 2026 ގެ ނިޔަލަށެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް މި ޚިދުމަތް ލިބޭނެ ކަމަށާއި، ޚިދުމަތް ހޯދުމަށް ކަސްޓަމަރ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެ ކަމަށް ބޭންކުން ބުނެއެވެ.

ޑޮލަރު ވިއްކުމުގައި ބޭންކުން އަމަލުކުރާނެ އުސޫލުތަކަށް ބަލާއިރު، ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ އުމްރާވެރިއަކަށް ގިނަވެގެން 500 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާއިރު، އެކަކަށް ގިނަވެގެން 5 އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަންނަ ވަގުތު އުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލުވެސް ހުށަހަޅަން ޖެހޭނެއެވެ.

ބޭންކުން އިތުރަށް ބުނީ ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން އެކަނި ކަމަށެވެ. މީގެ އިތުރުން، އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކުރުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

މި މުއްދަތުގެ ތެރޭގައި މާލޭގައި ހުންނަ ބީއެމްއެލްގެ ބައެއް ބްރާންޗްތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލާނެއެވެ. އެގޮތުން ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން މި ޚިދުމަތް ނުލިބޭނެއެވެ. ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން އުމްރާވެރިންނަށް ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...