ތުޅާދޫ ނެރަށް ވެލިއަރައި ބެދޭތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ބ. ތުޅާދޫ ބަނދަރުގެ ނެރަށް ވެލި އެރުމުގެ ސަބަބުން އުޅަނދުފަހަރު ލަފައިފުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާތީ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތުޅާދޫ ކައުންސިލްގެ އިއުލާނެއްގައި ބުނީ އެ ރަށުގެ ބަނދަރަށް ވަންނަ ނެރަށް ވެލި ފައިބައި، ނެރު ބެދެމުންދިއުމުގެ ސަބަބުން ރަށަށް ވަދެނިކުމެވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ތުޅާދޫ ކައުންސިލުން ހާމަކުރި ގޮތުގައި، އެ ރަށަކީ މަސްވެރި ރަށަކަށް ވެފައި، ނެރުގެ ދަތިކަމުގެ ސަބަބުން މަސްވެރި އުޅަނދުފަހަރަށް ނެރުން ވަނުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، މަސްވެރިކަމުގެ ސިނާއަތަށާއި ރަށުގެ އިގުތިސާދަށް އަންނަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ބައެއް އުޅަނދުފަހަރު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ބީހި، އެކި ވަރުގެ ގެއްލުންތައް ލިބެމުންދާކަން ވެސް ކައުންސިލުން ފާހަގަކުރެއެވެ.
އިގުތިސާދީ އަދި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުން
ކައުންސިލުން ބުނީ މާލެއިން މުދާ ހިފައިގެން އަންނަ ބޯޓުފަހަރު ނެރުން ވަނުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން، ބައެއް ބާވަތްތަކުގެ މުދަލަށް ގެއްލުންވެ، ރަށަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. މީގެ އިތުރުން، ރަށުގައި ކުރިއަށްދާ އެއާޕޯޓް ބިން ހިއްކުމާއި ހޮސްޕިޓަލް އެޅުން ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގެންނަ އުޅަނދުފަހަރަށް ވެސް މިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.
“މިފަދަ ކަންކަމުގެ ސަބަބުން، އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުންގެ ގިނަގުނަ ޝަކުވާ ވެސް ކައުންސިލަށް ދަނީ ލިބެމުންނެވެ،” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ. ނެރުގެ މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ، ރަށަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި ދަތިވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ބިރު އޮތް ކަމަށް ވެސް ކައުންސިލުން އިންޒާރު ދެއެވެ.
ސަރުކާރުގެ އިދާރާތަކުން ޖަވާބެއް ނުލިބޭ
މި މައްސަލަ ހައްލުކުރުމަށްޓަކައި ނެރު ފުންކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކަށް މިހާތަނަށް 14 ސިޓީ ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް އިދާރާއަކުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން ކައުންސިލުން ހިތާމައާއެކު ފާހަގަކުރެއެވެ.
ތުޅާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއެއް 2023 ވަނަ އަހަރުގެ އޮގޯސްޓް މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ. މިހާރު އެ ރަށުގައި ބޭނުންކުރަމުންދަނީ 2017 ވަނަ އަހަރު އެމްޓީސީސީން ތަރައްގީކޮށްފައިވާ ބަނދަރެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
