ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން 10 ރިސޯޓު ތަރައްގީކުރަނީ

ޚަބަރު
ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ: ސަރުކާރުން ރިސޯޓްތަކެއް ހިންގައި، އެކަމުން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު އެއްފަހަރު ހިލޭ ޑޮލަރު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި — ފޮޓޯ/މަޖިލިސް

ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ޖަމާކުރަން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެގެންދިޔައިރު ވެސް، ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ ވެރިން ކަމުގައިވާ ރައްޔިތުންނަށް އެ ސިނާއަތުން ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމްވެފައި ނެތް ކަމަށެވެ. އެހެންކަމުން، އަލަށް ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ގާނޫނީ ގޮތުން ކަނޑައަޅުއްވައި، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް އެއްވެސް ރައްޔިތަކު ބާކީނުކޮށް ހަމަހަމަކަމާއެކު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލު ކުރަނީ މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މަގެއް، ނިޒާމެއް ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި،” ރައީސް ވިދާޅުވިއެވެ.

“ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، ކޮންމެ މެމްބަރެއް، މަދުވެގެން 10 ރިސޯޓުގެ ޝެއާހޯލްޑަރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުން 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް، އިގުތިސޯދީ ގޮތުން އިތުރު ލަނޑުދަނޑިތަކެއް ހާސިލްކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...