އޭދަފުށީގައި ޔޫތު ހަބެއް ގާއިމުކުރަނީ

ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއު ޒުވާނުންނަށް ޚާއްޞަކޮށްގެން އެކިއެކި ހަރަކާތްތައް ރާވާ އިންތިޒާމްކުރުމަށް މުޅި ރާއްޖޭގައި ޔޫތު ހަބްތައް ގާއިމުކުރާއިރު، އަތޮޅު ތެރޭގައި ޔޫތު ހަބް ގާއިމުކުރާ ލިސްޓުގައި އޭދަފުށި ހިމެނިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ އަތޮޅުތެރޭގައި ޔޫތު ހަބްތައް ގާއިމުކުރާ ރަށްތައް އިއުލާނުކުރައްވައިފައެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށް، ޒުވާނުންނަށް ޚާއްޞަކޮށްގެން އެކިއެކި ހަރަކާތްތައް ރާވާ އިންތިޒާމްކުރުމަށް ޔޫތު ހަބުތައް ހުރިހާ ސިޓީތަކެއްގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސިޓީތަކުގެ އިތުރުން، ގއ. ވިލިނގިލި، ހއ. ދިއްދޫ، އދ. މަހިބަދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ލ. ފޮނަދޫ، ޅ. ނައިފަރު އަދި ރ. އުނގޫފާރުގައި މިފަދަ ޔޫތު ހަބުތައް ޤާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހި މިއަހަރު ތެރޭގައި އަމަލީ މަސައްކަތްތަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔޫތު ހަބް ނުވަތަ ޒުވާނުންގެ ވެހި ފުރަތަމަ ފަހަރަށް ހުޅުވީ މާލޭގަ އެވެ. މާލޭގައި ތަރައްގީކުރި ޒުވާނުންގެ ވެހި މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ޒުވާނުން މުނިފޫހިފިލުވުމާއި އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނަވުމަށްޓަކައި، ޔޫތު ހަބް ހުޅުވާ އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުން ޚިދުމަތް ހޯދާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސްއެއް ބޭއްވުމަށް އަދި އެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލިމަންޓެއް އުފެއްދުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...