ކޮންމެ ހޯމަ ދުވަހަކު ރައީސް މީޑިއާއާ ބައްދަލުކުރައްވަނީ

ޚަބަރު

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށް، ސުވާލުތަކަށް ޖަވާބު ދެއްވަން ނިންމަވައިފި އެވެ. 

އެގޮތުން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ސީދާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ މާޗް މަހުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން، ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނަށް ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހެއް ފަދަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު މި ސިލްސިލާ ބައްދަލުވުންތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކެބިނެޓްގެ ކޮންމެ ވަޒީރަކު ވެސް ހަފުތާއަކު އެއް ގަޑިއިރު ނޫސްވެރިންނަށް ވަގުތު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން،” ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ހަރުދަނާ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. މި ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 40 މީޑިއާއަކަށް ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކުރުމަށްޓަކައި ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ ‘މީޑިއާ ވިލެޖް’ ގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ވިލެޖުގައި 34 އޮފީސް ޖާގަ ހިމެނޭއިރު، މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ތަނުގެ ބޭނުން ހިފުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...