ބޮޑު ރެ އ، ކުއާޓާ ފައިނަލުގައި އޭދަފުއްޓާއި ދުވާފަރު މިރޭ

ޚަބަރު
އޭދަފުއްޓާއި މައްޗަންގޯލި ބައްދަލުކުރި މެޗުގެ ތެރެއިން –ފޮޓޯ/ރާއިފް ޔުސުފް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވާދަވެރި ކުއާޓާ ފައިނަލް މެޗުގައި އޭދަފުށިން މިރޭ ރ. ދުވާފަރާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުށިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ގަދަ 16 ގެ މެޗުގައި މާލެ މަންޗަންގޮޅި 0-1 އިން ބަލިކޮށްގެންނެވެ. އެ މެޗުގައި އޭދަފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ދުވާފަރު ކުއާޓާ ފައިނަލަށް ދަތުރުކުރީ 3-5 އިން ސ. ހިތަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުރިމަތިލުމަކަށް ދެޓީމު ތައްޔާރުވާއިރު، މިފަހަރުގެ މުބާރާތުގައި ދެޓީމުން ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އޭދަފުށިން ވަނީ މިފަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދަރަވަންދޫ 0-2 އިން ބަލިކޮށްގެންނެވެ. ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށި ވަނީ ފަހަތުން އަރައި ގާފަރާ 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 2-4 އިން ކުރި ހޯދައި ޗެންޕިއަންކަން ހޯދައިފަ އެވެ.

އޭދަފުށިން މުބާރާތުގައި މިހާތަނަށް ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗުން ވަނީ މޮޅުވެފަ އެވެ. މިހާތަނަށް 2 މެޗުން އެއްވަރުވިއިރު ބަލިވެފައެއްނުވެ އެވެ. ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއިރު އޭދަފުށިން 18 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 6 ގޯލެވެ.

ދުވާފަރުން ވެސް ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަތޮޅު ފައިނަލުގައި ވާދަވެރި އިނގުރައިދޫއާ ވާދަކޮށް އެޓީމު މޮޅުވީ 0-2 އިންނެވެ. އޭގެފަހުން ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދީ ށ. ކަނޑިތީމާ ވާދަކޮށް 0-2 އިންނެވެ.

ދުވާފަރުން ވަނީ މިހާތަނަށް ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. މިހާތަނަށް މުބާރާތުގައި ދުވާފަރުން 27 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 8 ގޯލެވެ.

އޭދަފުއްޓާއި ދުވާފަރު ވަނީ މީގެކުރިން ފުޓްބޯޅައިގައި ވާދަވެރި މެޗުތަކެއް ކުޅެފަ އެވެ.

މުބާރާތުގެ ތާރީހަށް ބަލާއިރު ދުވާފަރަށް މިހާތަނަށް ގޯލްޑަން ފުޓްސަލްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރެވިފައެއްނުވެ އެވެ. އޭދަފުށިން ވަނީ 2024 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް 2022 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފަ އެވެ.

ހުޅުމާލޭގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލްގެ އަނެއް ތިން މެޗު ވެސް މިރޭ ކުޅޭނެ އެވެ. އޭދަފުއްޓާއި ދުވާފަރު މިރޭ 8 ޖަހާއިރު ކުޅޭނީ ގްރައުންޑް 1 ގަ އެވެ. އަނެއް މެޗުގައި ގްރައުންޑް 2 ގައި ވާދަކުރާނީ ހދ. ނައިވާދޫ އާއި އއ. މަތިވެރި އެވެ.

މިރޭ 10 ޖަހާއިރު ކުޅޭ އެއް މެޗުގައި ތ. ތިމަރަފުއްޓާއި ގއ. ދެއްވަދޫ ވާދަކުރާއިރު އަނެއް މެޗުގައި ކުޅޭނީ ދ. ކުޑަހުވަދޫ އާއި ވިލިމާލެ އެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށީ 119 ޓީމާ އެކު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...