ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު ފޯރިގަދަ މެޗަށްފަހު، ރ. ދުވާފަރު ބަލިކޮށް ބ. އޭދަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ވަނީ 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުށީގެ ކީޕަރު މުހައްމަދު ޝާން ވަނީ ދުވާފަރުގެ ދެ ޕެނަލްޓީއެއް ހުށިޔާރުކަމާއެކު މަތަކޮށް، އެޓީމު ސެމީއަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ވަނީ ހިތްގައިމު ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދަނޑުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ.
އޭދަފުށިން ލީޑު ނަގާފައިވަނިކޮށް، ދުވާފަރުން ފޮނުވާލި ކިކް-އިންއެއް އޭދަފުށީގެ އިމްތިޝާލް އަބްދުލް ރަހީމް އަތުން ބައިކޮށް ވަނުމުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ. އޭގެ ފަހުން ހުސައިން ޝަރީފް (މުޑާ) ޖަހައިދިން ލަނޑާއެކު އޭދަފުށިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މެޗު ނިމެން އެންމެ 38 ސިކުންތަށް ވެފައި ވަނިކޮށް، ދުވާފަރުގެ މުހައްމަދު ނޫހް އިބްރާހީމް ވަނީ ލަނޑެއް ޖަހައި އަލުން ނަތީޖާ އެއްވަރުކޮށްފައެވެ.

ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި މިރޭ ބައްދަލުކުރީ އއ. މަތިވެރި އާއި ހދ. ނައިވާދޫއެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނައިވާދޫ ވެސް ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...