ގޯލްޑަންގެ ސެމީގައި އޭދަފުށި ކުޅޭ މެޗު ބަލަން ދާން ދަތުރެއް ބާއްވަނީ

ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ކުއާޓާ ފައިނަލްގައި ބ. އޭދަފުއްޓާއި ރ. ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ/ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލްގެ ސެމީ ފައިނަލުގައި އޭދަފުށި ކުޅޭ މެޗު ބަލަން ދާން ބޭނުންވާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ލޯންޗު ދަތުރެއް ބާއްވަން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނީ، މެޗު ބަލަން މާލެ ދާން ބޭނުންވާ ސަޕޯޓަރުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާލެ ދާން ބޭނުންވާ ސަޕޯޓަރުން ކައުންސިލުން ހިއްސާކޮށްފައިވާ ލިންކުގައި މައުލޫމާތު ހިމެނުމަށް ވަނީ އެދިފައެވެ. އެގޮތުން، ކޮންމެ ސަޕޯޓަރަކަށް ދޭ ގޮތަށް ހަމަޖައްސާފައިވަނީ އެއް ޖާގަ އެވެ. ދަތުރުގެ ޓިކެޓްގެ އަގަކީ ބޮލަކަށް 200 ރުފިޔާ އެވެ.

ކައުންސިލުން ދެންމެ ބުނި ގޮތުގައި މި ދަތުރުގެޖާގަ މިހާރު ވަނީ ވިކި ހުސްވެފަ އެވެ.

ގޯލްޑަންގެ ސެމީ ފައިނަލުގައި އޭދަފުށި ކުޅޭނީ ހދ. ނައިވާދޫއާ އެވެ. އޭދަފުށިން ވަނީ މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސެމީ ފައިނަލުގެ ޖާގައެއް އޭދަފުށިން ކަށަވަރުކުރީ ޕެނަލްޓީގައި ރ. ދުވާފަރު ބަލިކޮށްގެންނެވެ. ދުވާފަރާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކުރި ހޯދީ 4-6 އިންނެވެ.

މިއަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ވެސް މިހާތަނަށް އޭދަފުށިން ވަނީ ހޯދައިފަ އެވެ.

އޭދަފުއްޓާއި ނައިވާދޫ ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 8:00 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...