އަތޮޅު އިޙްޔާ ފޯރަމް ބާއްވާނެ 10 ރަށެއް ކަނޑައަޅައިފި

ޚަބަރު

1447 ވަނަ އަހަރުގެ ރަމަޟާން މަހު އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނެ 10 ރަށެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

މި ރަށްތައް ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށާއި، އެ ރަށްރަށުގައި ޕްރޮގްރާމް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ބެލުމަށްފަހު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަހަރުގެ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫ އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. ދިޔަމިގިލީގައެވެ.

މި ސިލްސިލާ ފޯރަމްތައް ފެށޭނީ 3 ރަމަޟާން (20 ފެބްރުއަރީ) ގައި ތ. ދިޔަމިގިލީގައި ބާއްވާ ފޯރަމުންނެވެ. އެ ފޯރަމްގެ މައުޟޫއަކީ “ރަމަޟާން މަހުގެ މާތްކަން” އެވެ. އަދި މި ސިލްސިލާގެ އެންމެ ފަހު ފޯރަމް އޮންނާނީ 22 ރަމަޟާން (11 މާރިޗު) ގައި ރ. މީދޫގައެވެ. އެ ރަށުގައި ބާއްވާ ފޯރަމްގެ މައުޟޫއަކީ “ދީނުގައި ސާބިތުވުން” މިއެވެ.

މި ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ރަމަޟާން މަހުގެ މަންފާ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ނަސީބުވެރިންނަށް އަގުހުރި އިނާމުތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...