ފައިނަލަށް އޮތް ހުރަސް ގިރާކުރަން އޭދަފުށިން މިރޭ ނައިވާދޫއާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ސެމީ ފައިނަލުގައި އޭދަފުށިން މިރޭ ހދ. ނައިވާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، މިއީ އޭދަފުށިން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
އޭދަފުށި އެންމެ ފުރަތަމަ ސެމީ ފައިނަލުގައި ކުޅުނީ، މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރި 2018 ވަނަ އަހަރު އެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް ތިމަރަފުށި އަތުން 2-5 އިން ބަލިވި އެވެ. ކޮވިޑްގެ މެދުކެނޑުމަށް މުބާރާތް އަލުން ކުޅެން ފެށިއިރު، 2022 އަދި 2023 ވަނަ އަހަރުގެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ ދެފަހަރު ވެސް ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ކެޓީ ކުޑަހުވަދޫ އަތުންނެވެ.
އޭދަފުށިން ވަނީ 2024 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ. އެކަމަކު މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ގަން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ކެޓީ އެވެ.
މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ އޭދަފުށިން ކަށަވަރުކުރީ، ކުއާޓާ ފައނަލުގައި ރ. ދުވާފަރު ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު އެ މެޗު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 4-6 އިންނެވެ.
މިއަހަރުގެ މުބާރާތުގައި އޭދަފުށި މިހާތަނަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މުބާރާތް ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް ޝީލްޑް އުފުލާލި އެވެ. އޭގެފަހުން އަތޮޅު ބުރުގެ ޗެމްޕިއަންކަން ދަރަވަންދޫ 0-2 އިން ބަލިކޮށް ހޯދި އެވެ. އަދި، ޒޯން ތިނެއްގެ ފައިނަލުގައި ކ. ގާފަރު އަތުން މޮޅުވި އެވެ.
އަތޮޅު ބުރާއި ޒޯން ބުރަށް ފަހު ނޮކައުޓް ބުރުގެ ގަދަ 16 ގެ މެޗުގައި އޭދަފުށިން ވަނީ މަންޗަންގޮޅި 0-1 އިން ބަލިކޮށްފަ އެވެ.
އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ނައިވާދޫ އިން ވެސް ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. ނައިވާދޫ އިން މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނެވެ. އެކަމަކު ފައިނަލުގައި ކ. ކާށިދޫ އަތުން 1-4 އިން ވަނީ ބަލިވެފަ އެވެ.
އޭދަފުއްޓާއި ނައިވާދޫ ވާދަކުރާ ސެމީ ފައިނަލް މެޗު ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑުގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. އަނެއް ސެމީގައި ވިލިމާލެ އާއި ދެއްވަދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
މިއަހަރުގެ މުބާރާތުގައި 119 ޓީމަކުން ބައިވެރިވި އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
