ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމުގެ ގުރުއަތުލުން މާދަމާ

ޚަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާދަމާ ހެނދުނު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ގުރުއަތުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މާލެ ސިޓީގައި ގުރުއަތުލުން ކުރިއަށްދާނީ މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު އިމާރާތް) ގައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ސިޓީތަކުގައި ގުރުއަތުލުން ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ޚާއްޞަ ތަނެއްގައެވެ.

އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތު ނެގުމަށް އަންނަ ނަމަ، ކެންޑިޑޭޓުގެ ސިޓީއަކާއެކު އަންނަންވާނެ ކަމަށެވެ. “ސިޓީގައި އަންނަ މީހާގެ ނަން، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އަންނައިރު އައި.ޑީ ކާޑުގެ އަސްލު ގެންނަންވާނެ،” ވިޝާލް ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. އިންތިޚާބުން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާދަމާ ހެނދުނު 10:00 އާ ހަމައަށް އޮންނާނެ ކަމަށާއި، ގުރުއަތުލުމަށްފަހު އެ ފުރުޞަތު ބަންދުވާނެ ކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިގެންވެއެވެ.

ގުރުއަތުލުމަށްފަހު، ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...