މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތިން ލައްކައިގެ އިން ހުރަސްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 303,488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 288,798 ފަތުރުވެރިންނެވެ. މިއަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 10,462 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 39,132 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 36,565 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން އިޓަލީން 30,656 ފަތުރުވެރިން، އިނގިރޭސިވިލާތުން 27,864 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 18,630 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 2.2 މިލިއަން ފަތުރުވެރިންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
