ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ފައިނޭންސިން ދެ ޕްރޮޑަކްޓެއް

ވިޔަފާރި

ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލް އިން “ގެސްޓްހައުސް ފައިނޭންސިން” އަދި “ގެސްޓްރޫމް ފައިނޭންސިން” ގެ ނަމުގައި ދެ ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފިއެވެ.

އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ދެ ޕްރޮޑަކްޓަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި، ލުއި ގޮތަކަށް މާލީ ހައްލުތައް ހޯދައިދިނުމަށް ތަޢާރަފުކުރި ފެސިލިޓީތަކެކެވެ.

މި ފެސިލިޓީތަކާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފުރުސަތުގެ ސަބަބުން އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ. “ގެސްޓްހައުސް އާއި ގެސްޓްރޫމް ފައިނޭންސިން މެދުވެރިކޮށް، އަޅުގަނޑުމެން މި މަގުފަހިކޮށް ދެނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތު،” ބަދުރުއްދީން ވިދާޅުވިއެވެ.

ގެސްޓްހައުސް ފައިނޭންސިންގ

ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން ހަ ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތް ކުރުމަށާއި، މިހާރު ހިންގާ ތަންތަން ތަރައްގީކޮށް ކޮޓަރި އިތުރުކުރުމަށް ހާއްސަ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، މިއީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ފައިނޭންސިންގ ލިމިޓް އިތުރުކުރި ފުރަތަމަ ފަހަރެވެ.

މި ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، ދޮޅު އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

ގެސްޓްރޫމް ފައިނޭންސިންގ

ހޯމްސްޓޭ ވިޔަފާރިތަކަށާއި ކުދި ގެސްޓްހައުސްތަކަށް އަމާޒުކޮށް ތަޢާރަފުކުރި ގެސްޓްރޫމް ފައިނޭންސިންގ މެދުވެރިކޮށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. މި ފެސިލިޓީ ހާއްސަވަނީ ފަސް ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް ހިންގާ ވިޔަފާރިތަކަށެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.

މި ދެ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ 20 ޕަސެންޓް އަމިއްލައަށް ހަމަޖައްސަން ޖެހެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނި ގޮތުގައި، ފައިނޭންސިންގ ދޫކުރުމުގައި ބަލާނީ އެދިފައިވާ ފަރާތުގެ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ރިއާޔަތްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ގާބިލުކަން ހުރި މިންވަރަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...