ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ

ކުރިއަށް އޮތް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސައިފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެއެވެ. ޒަކާތް ދެއްކުމަށް ގިނަ ވަސީލަތްތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ދިރާގު އެޕް، އުރީދޫ އެމް ފައިސާ، އިސްލާމިކް ބޭންކްގެ ފައިސާ މޯބައިލް އެކްސް، ބީއެމްއެލް އެޕް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރިޕޭ ހިމެނެއެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކައުންޓަރުން ޒަކާތް ބަލައިގަންނަ ގަޑިތައް
ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން، އެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 1:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި ބަންދު ދުވަސްތަކުގައި ޒަކާތް ބަލައިގަންނާނީ މެންދުރު 11:00 އިން 2:00 އަށެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް
މިއަހަރު ޒަކާތް ބަލައިގަންނާނެ ބާވަތްތަކާއި އަގުތަކަކީ: އާދައިގެ ހަނޑޫ 12ރ، ތައިލެންޑު ހުދު ހަނޑޫ 53ރ، ރަތް ހަނޑޫ 96ރ، އާދައިގެ ބާސްމަތީ ހަނޑޫ 77ރ، ބާސްމަތީ މޮޅު ހަނޑޫ 109ރ، އެންމެ މޮޅު ބާސްމަތީ ހަނޑޫ 136ރ، އާދައިގެ ފުށް 10ރ، އަދި އާޓާ ފުށް 75ރ އެވެ.
މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 13.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
