ގޯލްޑަން ފުޓްސަލްގެ އެންމެ މޮޅު ގޯލްކީޕަރަކީ އޭދަފުށީގެ ނާސިހު

ޚަބަރު
އެންމެމޮޅު ގޯލް ކީޕަރު ނާސިހަށް ޓްރޮފީ ހަވާލުކުރަނީ– ފޮޓޯ/ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އޭދަފުށީގެ ގޯލު ބެލެހެއްޓި އަބްދުﷲ ނާސިހު އަށް ލިބިއްޖެ އެވެ.

މުޅި ރާއްޖޭން 119 ޓީމު ވާދަކުރި މުބާރާތް ރޭ ވަނީ ނިމިފަ އެވެ. ފައިނަލުގައި ގއ. ދެއްވަދޫ އާއި ހދ. ނައިވަދޫ ވާދަކުރި މެޗު 9-3 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ނައިވާދޫ އެވެ.

ފައިނަލް މެޗާއި، އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ނާސިހު ހޯދިއިރު، މިފަހަރުގެ މުބާރާތުގައި ވެސް ނާސިހު މޮޅު ކުޅުމެއް ދެއްކި އެވެ. އޭދަފުށިން މިއަހަރުގެ މުބާރާތުގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗު ކާމިޔާބު ކުރިއިރު ނާސިހުގެ ދައުރު ފާހަގަކުރެވުނެވެ. އެގޮތުން އެ 10 މެޗުގައި ނާސިހު އޭދަފުށީގެ ގޯލު ބެލެހެއްޓިއިރު 6 މެޗުގައި ކްލީންޝީޓް ހޯދި އެވެ.

ނާސިހު ކްލީންޝީޓް ހޯދީ، އަތޮޅު ބުރުގައި ދަރަވަންދޫއާ ދެކޮޅަށް ކުޅުނު ދެ މެޗާއި، ޒޯން ބުރުގައި ކުރެންދޫ މާފުށި އަދި ގާފަރު މެޗުގެ އިތުރުން ގަދަ 16 ގައި މަންޗަންގޮޅިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޒޯން ގްރޫޕް ސްޓޭޖް މެޗުގައި ގާފަރާ ދެކޮޅަށް ކުޅެ އޭދަފުށި 1-1 އިން އެއްވަރުވިއިރު ގާފަރުން ގޯލު ޖެހީ ނާސިހު ބެންޗުގައި އިންދަ އެވެ.

ނާސިހު ވަނީ އަތޮޅު ބުރުގައި ފެހެންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި، ކުޅުމުގެ ތެރެއިން ފެހެންދޫއަށް ލިބުނު ޕެނަލްޓީއެއް ވެސް މަތަކޮށްފަ އެވެ.

ޖުމްލަ 10 މެޗުގައި ނާސިހު ކޮޅަށް ވަނީ އެންމެ 6 ގޯލެވެ.

މިއީ ތިން އަހަރުތެރޭ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ނާސިހު ހޯދި ދެ ވަނަ ފަހަރެވެ. ނާސިހު ވަނީ 2024 ވަނަ އަހަރު އޭދަފުށިން ގޯލްޑަން ފުޓްސަލް ކާމިޔާބު ކުރިއިރު ވެސް އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދައިފަ އެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލްގައި އޭދަފުށި ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީގައި ނައިވާދޫއާ ވާދަކޮށް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ކިންގުކަން ހޯދީ ނައިވާދޫއިން ޗެމްޕިއަންކަން ހޯދި ދަތުރުގައި މޮޅު ކުޅުމެއް ދެއްކި ޔާމިން މުހައްމަދު (ޔާންޓެ) އެވެ. ޔާންޓެގެ އިތުރުން ގަދަ 5 ގައި ހިމެނުނީ، އެޓީމުގެ އަހުމަދު ހަމީދު (އައްމަޑޭ) އަދި ދެއްވަދޫގެ އަލީ ހައިޝަމް (ޗުމްޕު) އާއި އއ. މަތިވެރީގެ އަލީ އަލްސަންގެ އިތުރުން ރ. ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކީ ތިމަރަފުށީގެ 18 އަހަރުގެ ކީޕަރު، ސާއިފް އަލީ އެވެ. އެންމެ ގިނަ ގޯލު ޖެހީ، 13 ލަނޑު ޖެހި ށ. ކަނޑިތީމުގެ ރައުލް ނިޔާޒް އެވެ. ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކީ ނައިވާދޫ އެވެ. އެންމެ މޮޅު ކޯޗަކީ، ނައިވާދޫއަށް ޗެމްޕިއަންކަން ހޯދައިދިން ޒުވާން ކޯޗު މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...