އޭދަފުށިން ގޯތި ލިބުނު ފަރާތްތަކާއެކު ބީއެމްއެލްގެ ސެޝަނެއް މިރޭ

ޚަބަރު

އޭދަފުށިން އަލަށް ގޯތި ލިބުނު ފަރާތްތަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު ހާއްސަ ސެޝަނެއް މިރޭ ބާއްވަން އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނީ އަލަށް ގޯތި ލިބުނު ފަރާތްތަކާއެކު ބީއެމްއެލް އިން ސެޝަން ކުރިއަށްގެންދާ ސެޝަން ފަށާނީ މިރޭ 9:00 ގައި ކަމަށެވެ. މި ސެޝަން އޮންނާނީ އޭދަފުށީ މަލްޓިޕަރޕަސް ހޯލުގަ އެވެ.

ސެޝަންގައި، އޭދަފުށިން އަލަށް ގޯތި ލިބުނު ފަރާތްތަކާއި ގެދޮރު އިމާރާތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާމިކް ފައިނޭންސް ފެސިލިޓީސްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އާބާދީގައި 3،500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. މިފަހަރު ގޯތި ދޫކުރަނީ 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކި 26 ހެކްޓަރުގެ ބިމުންނެވެ.

އެ ބިމުން ގޯތި ދޫކުރުމަށް 2019 އަދި 2020 ވަނަ އަހަރު ވެސް ހުޅުވާލި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އޭރު ގޯތި ދޫކުރުން ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މިހާރު ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފެށުމާއެކު، ގޯތި ލިބޭ ފަރާތްތަކަށް އެ ބިންތަކުގެ ޤާނޫނީ މިލްކުވެރިކަން ލިބިގެންދާނެއެވެ.

ޒަމާންތަކަކަށް ފަހު އޭދަފުށިން ގޯތި ދޫކުރަން ހުޅުވާލުމުން، 525 މީހަކު ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން 183 މީހަކަށް ވަނީ ގޯތި ދޫކޮށްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...