އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ އޭދަފުށީގައި

އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ ބ. އޭދަފުށީގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ.
މިއަދު ހަވީރު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޭދަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙާއި، ބ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމްގެ އިތުރުން ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާއެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، މިއީ ރާއްޖޭގެ ރަށެއްގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށާއި، މީގެ ސަބަބުން ރަށުގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މާލެއިން ބޭރުގައި މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ސޮއިކުރެވުނު މިއީ ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި އެކްސްޕޯއަކީ މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް އަތޮޅުތެރޭގެ މާކެޓަށް ވަނުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނާއި ކަސްޓަމަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.
މި ހަރަކާތުގެ އެކި ޕާޓްނަރުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އެކްސްޕޯގެ މެއިން ސްޕޮންސަރ އަދި ސިލްވަރ ސްޕޮންސަރަކީ ބ. އޭދަފުށީ ރެޑް ސްޓާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކަށް މޯލްޑިވްސް މޫވްމެންޓްސް، ޓެކްނޮލޮޖީ ޕާޓްނަރަކަށް ފައި-އެސް ސިސްޓަމްސް އަދި ޓެބްލޮއިޑް ޕާޓްނަރަކަށް އައިލެންޑް ޗީފް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއަކީ މި އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ ފަރާތެވެ.
ފާތިޙު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެކްސްޕޯގެ ސަބަބުން އޭދަފުށީގެ އިތުރުން މުޅި ބ. އަތޮޅުގެ ފަތުރުވެރިކަމަށާއި ވިޔަފާރީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި މިއީ އަތޮޅުތެރޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބޮޑު އެކްސްޕޯ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ރޯދަމަސް ނިމުމަށްފަހު، ހަ ރޯދައިގެ ފަހުންނެވެ. މި ހަރަކާތް ކުރިއަށްދާނީ ޚާއްޞަ އީދު ޝޯވއަކާ އެކުގައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
