އުޛައިން ސަސްޓެއިނަބަލް ޓޫރިޒަމްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފި

ބ. ތުޅާދޫ ގުލްބަހާރުގޭ މުހައްމަދު އުޛައިން، މެލޭޝިޔާގެ ޓެއިލާސް ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރައްވައިފިއެވެ.
ޑރ. އުޛައިންގެ ޕީއެޗްޑީ ރިސާޗް ބިނާކުރައްވާފައިވަނީ ބ. އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މި ދިރާސާއަށް މައުލޫމާތު އެއްކުރުމަށް އޭނާ ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، 650 މީހުންނާ އިންޓަވިއު ކުރައްވާފައެވެ. މި މަސައްކަތުގައި އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކުގެ ބޮޑު އެހީތެރިކަމެއް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިރާސާއަށް ބ. އަތޮޅު އިޚްތިޔާރު ކުރެއްވި ސަބަބާ ގުޅޭގޮތުން ޑރ. އުޛައިން ވިދާޅުވީ، އެ އަތޮޅުގައި އޮންނަ ހަނިފަރު ބޭރަކީ ގުދުރަތީ ގޮތުން މުހިންމު ރީތި ސިފަތަކެއް ލިބިފައިވާ ތަނަކަށް ވުމާއި، ބ. އަތޮޅަކީ ފަތުރުވެރިކަމަށް ފައްކާވެފައިވާ އަތޮޅަކަށް ވުން ހިމެނޭ ކަމަށެވެ. އަދި އެއީ ބައްޕަގެ އުފަން އަތޮޅަށް ވުމުން އެ އަތޮޅަކީ އޭނާއަށް ވަރަށް ޚާއްސަ އަތޮޅެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ޑރ. އުޛައިންއަކީ ތުޅާދޫ ގުލްބަހާރުގޭ އަލްއުސްތާޛް އިބްރާހީމް ޢަފީފާއި މާފަންނު މާވިނަ، ނަޒްރާ ޢަބްދުއްސައްތާރުގެ ދޮށީ ފިރިހެން ދަރިފުޅެވެ.
ޑރ. އުޛައިންގެ ތައުލީމީ ހަޔާތަށް ބަލާއިރު، ޕްރީސްކޫލް ތައުލީމު އަހުމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން ފުރިހަމަކުރެއްވުމަށްފަހު، ޕްރައިމަރީ ތައުލީމު ހާސިލްކުރެއްވީ ޖަމާލުއްދީން ސްކޫލާއި ސްރީލަންކާގެ ކެންޑީގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުންނެވެ. އަދި އޯލެވެލް ނިންމެވީ އޭޝިއަން އިންޓަރނޭޝަނަލް ސްކޫލުންނެވެ.
ކުޑައިރު ޕައިލެޓަކަށް ވުމުގެ ހުވަފެން ދެކުނު ނަމަވެސް، އެއް ލޮލުގެ ފެނުމުގައި ހުރި މައްސަލައަކާ ގުޅިގެން ޑރ. އުޛައިން އިޚްތިޔާރު ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އޭނާ ވަނީ ޓެއިލާސް ޔުނިވަރސިޓީން ކަލިނަރީ ދާއިރާއިން ޑިޕްލޮމާ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމުން ޑިގްރީ އަދި ހޮޓެލް މެނޭޖްމަންޓުން މާސްޓާސް ފުރިހަމަކުރައްވާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
