ނާފިޒާ: މުޅި ރާއްޖެ އަހާ އޭދަފުށީގެ ހިތްގައިމު އަޑު

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އެންމެ މަގްބޫލު އެއް އުފެއްދުމަކީ ބެސްޓް ރޭޑިއޯ ޕްރެޒެންޓާ ކޮމްޕެޓިޝަން އެވެ. އަޑުން ފޮނުވާ ގިނަ ޕްރޮގްރާމްތަކާ އެ އުފެއްދުމާ ވަރަށް ތަފާތެވެ. އަޑުގެ ޕްރޮގްރާމްތައް އާންމުކޮށް ނާހާ އެތައް ބަޔަކުވެސް އެންމެ މޮޅު ރޭޑިއޯ ޕްރެޒެންޓަރު ހޮވާ މުބާރާތަށް ވަގުތު ހުސްކުރެ އެވެ. އެތައް ބައެއްގެ ތައުރީފު އެ މުބާރާތަށް އައީ އޮހެމުންނެވެ. 2016 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތުގެ ހަތް ސީޒަން ކާމިޔާބުކަމާއެކު ވަނީ ފުރިހަމަކޮށްފަ އެވެ. މި ހުރިހާ ކަމެއްގެ ކްރެޑިޓް އެންމެ ހައްގުވާ އެކަކީ މުބާރާތުގެ ޕްރޮޑިއުސަރު އޭދަފުށްޓަށް އުފަން ނާފިޒާ ޢަބްދުއްރަޝީދެވެ.

އަޑުގައި ނާފިޒާގެ މަސައްކަތަކީ ޕްރޮގްރާމް އުފެއްދުން އެކަންޏެއް ނޫނެވެ. ރޭޑިއޯގެ މަސައްކަތުގައި އެވަގުތަކު އަޅަން ޖެހުނު ކޮންމެ ތޮތްޕެއް އަޅަން ނާފިޒާ ހުންނަނީ ތައްޔާރަށެވެ. ޕްރޮގްރާމް ހުށަހަޅަ އެވެ. ހަބަރު ކިޔައެވެ. ޑްރާމާތަކަށް އަޑު އަޅައެވެ. ލައިވް އިވެންޓްތައް ހުށަހަޅައިދެ އެވެ. އެ ހުރިހާ ކަމަކާއެކުހެން ސުޕަވައިޒަރެއްގެ ރޯލުވެސް ނާފިޒާ އަދާކުރެ އެވެ.
ޅަ ސިކުނޑީގައި އެނބުރުނު ހިޔާލުތައް ބަދުލުވީ އަސްލަށް
އުމުރުން ވަރަށް ޅައިރުއްސުރެ ރޭޑިއޯ އަކީ ނާފިޒާގެ އެންމެ ގާތް އެއް އެކުވެރިޔާ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ފޮނުވި “އެބައުޅޭ އެބައުޅޭ” އަޑުއަހާ ހިތްވާތީ އެކަންޏެއް ނޫނެވެ. ކުޑަކުއްޖަކު އަމުދުން ގަޔާ ނުވާނެ ރޭޑިއޯގެ ބައެއް ހުށަހެޚުންތައް ނާފިޒާއަށްވީ ފޭވަރިޓަށެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަމަކީ ރޭގަނޑު ހަތެއްގެ ހަބަރަށްފަހު ފޮނުވަމުން އައި މިލްކުވެރިކަމެވެ.
“މިލްކުވެރިކަން އެއީ ގަވައިދުން އަޑު އެހި ޕްރޮގްރާމެއް. ހިތަށް އެރި އަޅުގަނޑަށްވެސް އެހާ ފަރިތަކޮށް ކިޔޭނެ ނަމައޭ.” އެންމެ ކުޑައިރު ރޭޑިއޯއާ އޮތް ގާތް ގުޅުން “އީޓީ” އަށް ކިޔައިދެމުން ނާފިޒާ ބުނެފައިވެ އެވެ.
“ބައެއް ފަހަރު ވަރަށް މަޖާ އެއްޗެހިވެސް އޭރު ހިތަށް އަރާ. ހިތަށް އަރަނީ ރޭޑިއޯ އަކީ ވަރަށް ކުޑަ އެއްޗެކޭ. ކިހިނެއްބާއޭ އެނައުންސަރުން އޭގެ ތެރެއަށް ވަދެގެން އެ ވާހަކަދައްކަނީ. ރޭޑިއޯ އަސްލު އޭރު ހުރިހާވެސް އެއްޗަކީ.” ނާފިޒާ ބުނެފައިވެ އެވެ.

އެންމެ ކުޑައިރުއްސުރެ ރޭޑިއޯއަށް ނާފިޒާގެ ހިތް ދޫވެފައި އޮތުމާއެކު ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅާކަށްވެސް އޭނާއަށް އުނދަގުލެއް ނުވި އެވެ. މީގެ 26 އަހަރުކުރިން ދިވެހިރާއްޖޭގެ އަޑުގެ މައި ގޭޓުން ނާފިޒާ އެތެރެވީ އެ މަސައްކަތަށް އޭނާގެ ހިތުގައި އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އެސިސްޓެންޓް ޕްރެޒެންޓަ ޕްރޮޑިއުސަރުގެ ވަޒީފާއަށް ފުރަތަމަ ނުކުތް ނާފިޒާ، އަޑުގެ އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ މަގާމުގައި މިއަދު އެހުރީ އެ ޝައުގާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އަޑުގައި ނާފިޒާ ހޭދަކުރި ދިގު މާޒީގައި ތަފާތު އެތައް ޕްރޮގްރާމްތަކެއް އޭނާ ވަނީ އުފައްދައިފަ އެވެ. އާންމު ސިއްހަތު، މަދަރުސާ ކުދިންގެ ގަޑި، އެދުރު އަށި އަދި މީ މަގޭ މާމަ ކާފަ އަކީ އޭގެ ތެރެއިން ބައެއް މިސާލެވެ. މީގެ އިތުރުން ދިވެހިރާއެޖޭގެ އަޑުން ގެނެސްދޭ އެންމެ ޒަމާންވީ ޕްރޮގްރާމްކަމަށްވާ ބާއްޖަވެރި ހެނދުނެއް ހުށަހެޅުމުގައިވެސް ނާފިޒާ އަންނަނީ ބައިވެރިވަމުންނެވެ. އާންމު ގޮތެއްގައި އަޑުގައި މަސައްކަތްކުރާ އެންމެ ސީނިއާ މުވައްޒަފުން ހުށަހަޅައިދޭ އެ ޕްރޮގްރާމުން ނާފިޒާއަށް ފުރުސަތު ލިބުމަކީ އަޑުގައި އޭނާގެ ކުރިއެރުން ދައްކުވައިދޭ އެއް ރަމްޒެވެ.
ވަޒީފާއަކަށްވުރެ މާ އަގުހުރި ފުރުސަތެއް
އަޑުން ނާފިޒާއަށް ލިބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ވަޒީފާއަކަށްވުރެ ބޮޑަށް ދިރިއުޅުމަށް އަލިކޮށްދިން ވޮށެކެވެ. އަމިއްލައަށް އުފެއްދި ޕްރޮގްރާމްތަކުގެ ސަބަބުން ހަޔާތުގެ އެތައް ކަމަކަށް އޭނާގެ ލޯ ހުޅުވުނެވެ. ހުށަހަޅައިދޭންޖެހުނު ޕްރޮގްރާމްތަކާއެކު ނާފިޒާގެ އަމިއްލަ ނަފްސަށް ބެހެއްޓި ސަމާލުކަންވެސް ވީ އިތުރެވެ.
“ރޭޑިއޯ އަކީ އަޅުގަނޑު ދެކޭ ގޮތުގަ ޑޮކްޓަރެއް، މުދައްރިސެއް، ދަރިން ތަރުބިއްޔަތުކުރުމުގެ މާހިރެއް. އެކި ދާއިރާތަކަށް ހާއްސަކޮށްގެން އުފެއްދި ޕްރޮގްރާމްތަކުގެ ތެރެއިން ދިމާވި ތަޖުރިބާކާރު ބޭބޭފުޅުންގެ ފަރާތުން ދިރިއުޅުމުގައި ބޭނުން ހިފޭނެ އެތައް ކަމެއް ދަސްވި.” މާފިޒާ ކިޔައިދިނެވެ.
“ދެން އަނެއް ތަންކޮޅަކީ އެހުންތެރިންނަށް ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭ ގޮތުން އިރުޝާދުތައް ދޭ ޕްރޮގްރާމްތައް ހުށަހަޅާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑޭ އެ އިރުޝާދުތަކާ އެއްގޮތަށް ފުރަތަމަ އަމަލުކުރަންވާނީ. އޭގެ ސަބަބުންވެސް ވަރަށް ގިނަ ފައިދާތަކެއް އަޅުގަނޑުގެ ދިރިއުޅުމަށް ކުރި.” ރޭޑިއޯގައި ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ދިރިއުޅުމަށް ކުރާ ހެޔޮ އަސަރުގެ ވާހަކަ ހިއްސާކުރަމުން ނާފިޒާ ބުނެފައިވެ އެވެ.
އެންމެންގެ ފަރާތުންހެން ލިބުނީ ލޯތްބާއި ތައުރީފު
ރޭޑިޔޯގެ މަގްބޫލް ސަހްޝިއްޔަތަކަށް ވުމަށްޓަކައި ނާފިޒާކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުން ދަތުރުގެ ވަކި ހިސާބަކުން އެހެން ދިމާއަކަށް މިސްރާބު ބަދަލުކޮށްލަންވެސް ޖެހުނެވެ. އަޑުގައި ދިހަ އަހަރު ހޭދަކުރުމަށްފަހު ނާފިޒާ އެނބުރުނީ ކިޔަވައިދިނުމުގެ ދާއިރާއަށެވެ. ދޮންދޫނި ޕްރީ ސްކޫލްގައި ކިޔަވައިދިން އިރު އެންމެ މޮޅު މުދައްރިސްގެ އެވޯޑްވެސް ނާފިޒާ ހޯދި އެވެ. އެކަމަކު ނާފިޒާގެ ހިތް އޭރުވެސް އޮތީ އަޑުގަ އެވެ. ތިން އަހަރު ނުވަނީސް އަލުން އަނެއްކާވެސް އަޑަށް ބަދަލުވީ ރޭޑިއޯއާ ނާފިޒާ ދުރުގަ ހުންނަން އެ ހިތް ނޭދުނީމަ އެވެ.
ދިވެހިރާއްޖޭގެ އަޑުގައި ނާފިޒާ މިހާތަނަށް ހޭދަކުރި ގާތްގަނޑަކަށް 23 އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އޭނާގެ މަސައްކަތަށް އެހުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބެވެ. އަޑުގައި އެހާ ގިނަ ދުވަހު މަސައްކަތްކުރުމަށް ހިތް ރުހުނީވެސް އެ ސަބަބާ ހުރެ އެވެ.

“ނުދަންނަ ވަރަށް ގިނަ ސަޕޯޓަރުން ގުޅާ، ބައްދަލުކުރަން ވެސް އާދޭ. ވަރަށް އުފާވާ ކަހަލަ ބައެއް ވާހަކަތައް އެހުންތެރިންގެ ފަރާތުން އަޑުއިވިފަ އެބަހުރި. އާންމު ސިއްހަތު ޕްރޮގްރާމް ގަވައިދުން އަޑުއަހާ މީހަކު އެއްފަހަރަކު ބުނި އެ ޕްރޮގްރާމުން ލިބޭ މައުލޫމާތުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ދާން އެއްގޮތަކަށްވެސް ނުޖެހޭ ވާހަކަ. އެއީ ވަރަށް ހަނދާން ހުންނަ ކަމެއް. އެކަހަލަ ކިތަންމެ ވާހަކައެއް އަޑު އިވިފަ އެބަހުރި.” ނާފިޒާ ބުނެފައިވެއެވެ.
ނާފިޒާ ދެކޭގޮތުގައި އަޑުގައި އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ކާމިޔާބު މަސައްކަތަކީ ބެސްޓް ރޭޑިއޯ ޕްރެޒެންޓާ ކޮމްޕެޓިޝަންގެ މަސައްކަތެވެ. އޭގެ ސަބަބުން އަޑުގެ އެންމެ އިސް ވެރިންގެ އިތުބާރު ނާފިޒާއާ މެދު ބޮޑުވި އެވެ.
“ބެސްޓް ރޭޑިޔޯ ޕްރެޒެންޓާ ކޮމްޕެޓިޝަންގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ތައުރީފްގެ ބަސްތައް ލިބުނު. އޮފީހުގަ އެކީގަ މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުންނާއި، ސްކޫލްތަކަށް ޒިޔާރަތްކުރީމަ މުދައްރިސުންގެ ފަރާތުންވެސް ވަރަށް އުފާވާ ކަހަލަ ކޮމެންޓްސް ލިބިފަ ހުރީ. އެހުންތެރިންގެ ފަރާތުންވެސް ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބިފަ އެބަ ހުރި،” އަޑުގައި ނާފިޒާކުރި އެންމެ ކާމިޔާބު ތަޖުރިބާގެ ވާހަކަ “އީޓީ” އާ ހިއްސާކުރަމުން ނާފިޒާ ބުންޏެވެ.
ބުރަ މަސައްކަތުގައި ދެމިހުރީ މަދަދާއެކު
އަޑުގައި ނާފިޒާ އަދާކުރަމުން އަންނަ ވަޒީފާ ބުރަ އެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުން އެއީ އެ ވަޒީފާގެ ގޮތެވެ. އެއާއެކުވެސް ނާފިޒާއަށް އެކަމުގައި ސާބިތުވެ ހުރެވުނީ އާއިލާގެ ފަރާތުން ލިބުނު ބޮޑު މަދަދާއެކު އެވެ. ނާފިޒާ އެކަން ފާހަގަކުރަނީ ޝުކުރުވެރިކަމާއެކު އެވެ.
“މަންމައާ ބައްޕަގެ ފަރާތުންނާއި، ފިރިމީހާގެ ފަރާތުން އަދި އެއްބަނޑު އެއްބަފާ ދެ އަންހެން ކޮއްކޮގެ ފަރާތުން ވަރަށް ވަރަށް ބޮޑު އެހީތެރިކަން ލިބުނު.” ނާފިޒާ ބައެއް ނަންތައް ފާހަގަކުރި އެވެ.
އަޑުގެ މަސައްކަތަކީ އެކި ދުވަސްވަރާއި، ކުރިމަތިވާ އެކި ހާލަތްތަކާއެކު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބަދަލުވެދާނެ މަސައްކަތެކެވެ. އެކަހަލަ އެއް ހާލަތު މީގެ ފަސް އަހަރު ކުރިން ނާފިޒާ ވަނީ ތަޖުރިބާކޮށްފަ އެވެ.
“އެންމެ ހަނދާންވަނީ ކޮވިޑް 19 ގެ ލޮކްޑައުންގައި ތިބި ދުވަސްތައް. އޭރު އަޅުގަނޑުމެންނަށް އަޑުގަ ސްޓޭޝަން ވެގެން ތިބެން ޖެހުނު 45 ދުވަސް ވަންދެން އާއިލާއާ ދުރުގަ. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް.” ނާފިޒާ އީޓީ އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
ރޭޑިއޯގެ ހިދުމަތުގައި ނާފިޒާގެ ރިހިޔޫބީލާ ގާތްވެފައިވާ އިރު އޭނާގެ ވިސްނުން ހަމައެކަނި ހުރީ އަމިއްލަ ކުރިއެރުމަކަށް ނޫނެވެ. ނާފިޒާ ގަބޫލުކުރާ ގޮތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ކާމިޔާބަކަށް ވާނީ ނާފިޒާގެ ސުޕަވައިޒަރުކަމުގެ ދަށުން މަސައްކަތްކުރަމުން އަންނަ “ކުދިން” ކުރިމަގުގައި ކާމިޔާބު ޕްރެޒެންޓަރުންނަށް އަދި ޕްރޮޑިއުސަރުންނަށް ވުމެވެ. އެއީ މިދާއިރާއިން ނާފިޒާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...