އިޖުތިމާއީ އަދުލަކީ ހުރިހާ ރަށަކަށް ހަމަހަމަ ފުރުސަތު އޮތުން: ރައީސް

އޭދަފުށި ޓައިމްސްޚަބަރު

އިޖުތިމާއީ އަދުލަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކާއި ހިމާޔަތާއި ރައްކާތެރިކަން ހަމަހަމަ ގޮތެއްގައި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދުލުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި އިޖުތިމާއީ އަދުލު ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ސިއްހީ ފަރުވާ އެންމެނަށް ލިބޭނެ ގޮތް ހެދުމާއި، އިތުބާރު ހިފޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަބުރުވެރިކަމާއެކު މަސައްކަތް ކުރެވޭ ފަދަ އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. “ކޮންމެ ދިވެއްސަކު އުއްމީދީ ކުރިމަގެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މި ގެންދަނީ ހުނަރާއި ތައުލީމަށް އިންވެސްޓްކުރަމުން،” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިޖުތިމާއީ އަދުލުގެ ދުވަހަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ 20 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަން ނިންމީ 2007 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ގައުމުތަކުގައި އިޖުތިމާއީ އަދާލަތު ހަރުދަނާކޮށް، ފަގީރުކަން ނައްތާލުމާއި، ހަމަހަމަކަން ގާއިމުކުރުމަށް ބާރުއެޅުމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...