ޝެއިޚު ޢާޒިމްގެ ދަރުސް “މާޔޫސް ނުވާށެ! މާދަމާ ރޭ އޭދަފުށީގައި

ވެލާ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ “އޭދަފުށީ ބޮޑު ދަރުސް” މާދަމާރޭ އޮންނާނެއެވެ.
މިއަހަރުގެ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަގުބޫލު ދީނީ އިލްމުވެރިޔާ، އައްޝައިޚް އާޒިމް ޚާލިދެވެ. “މާޔޫސް ނުވާށެ!” މި މައުލޫއަށް ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ 10:00 ގައި އޭދަފުށީ ސްޓޭޖް ސަރަހައްދުގައެވެ.
މާދަމާރޭ ބާއްވާ ބޮޑު ދަރުސްގެ އިތުރުން، މާދަމާގެ އަސުރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ޢަލީގައި ވެސް ޝެއިޚް އާޒިމްގެ ހާއްސަ ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުސް ސިލްސިލާއަކީ 2022 ވަނަ އަހަރުން ފެށިގެން “އޭދަފުށީ ބޮޑު ދަރުސް” ގެ ނަމުގައި ވެލާ ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ މި ސިލްސިލާގެ ދަށުން ދަރުސް ބާއްވާ ފަސްވަނަ އަހަރެވެ.



މި ދަރުސް މިއަހަރު ހާއްސަވާ އެއް ސަބަބަކީ ދަރުސް އަޑުއެއްސެވުމަށް ހާޒިރުވާ ބޭފުޅުންގެ މެދުގައި ބާއްވާ ލަކީޑްރޯއެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަރުސްގެ ބައިވެރިން ގެ މެދުގައި ގުރުއަތުން ހޮވޭ ދެ މީހަކަށް ކާބޯ ރެސްޓޯރަންޓް ދޭ ރޯދަވިއްލުމެއްވެސް އޮންނާނެއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ބ. އަތޮޅު ކައުންސިލާއި، އޭދަފުށީ ކައުންސިލް އަދި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވާ އެއްބާރުލުން ވެލާ ސްޕޯޓްސް ކުލަބުން ފާހަގަކުރެއެވެ. މީގެ އިތުރުން ރަށުގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަން މި ދަރުސަށް ލިބެއެވެ.
ރަމަޟާން މަހުގެ ބަރަކާތުން ފައިދާކުރަނިވި މި ދީނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ވެލާ ސްޕޯޓްސް ކްލަބުން ދައުވަތު އަރުވައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
