ބ. އަތޮޅު ކައުންސިލުން ޕިލިޕިންސަށާއި ބާލީއަށް ކުރި ދަތުރަށް އެއް މިލިއަން ހަރަދުކުރި: އޮޑިޓް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ޚަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި ވަނިކޮށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބ. އަތޮޅު ކައުންސިލުން ޕިލިޕީންސަށާއި އިންޑޮނޭޝިއާގެ ވެރިރަށް ބާލީއަށް ދަތުރުކޮށްފައިވާ ކަމަށާއި އަދި އެ ކައުންސިލަށް ލިބެންޖެހޭ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބ. އަތޮޅު ކައުންސިލްގެ 2023-2024 ވަނަ އަހަރު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަތޮޅު ކައުންސިލު ތަމްސީލުކުރާ 8 މެމްބަރަކާއި ކައުންސިލް އިދާރާގެ 6 މުވައްޒަފުންނާއި އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ދެ ބޭފުޅުން ހިމެނޭހެން ޖުމްލަ 16 ބޭފުޅުން 2023 ވަނަ އަހަރު ޕިލިޕީންސަށް ތަޖުރިބާގެ ދަތުރެއްކޮށްފައި ވަނީ 691،018ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރީ އެ މީހުންގެ ޑީއެސްއޭ އާއި ޕޮކެޓްމަނީ އަދި ޓިކެޓްގެ ގޮތުގަ އެވެ.

އެ ރިޕޯޓްގައި ބުނީ އެ ދަތުރުގެ ބޭނުމަކީ ޕިލިޕީންސްގެ ކައުންސިލާސް ލީގު (ޕީސީއެމް) އާއި ޔޫނިއަން އިފް ލޯކަލް އޮތޯރިޓީސް އޮފް ޕިލިޕިންސް (ޔޫއެލްއޭޕީ) އާއި ގުޅިގެން އިންތިޒާމުކުރި ޕްރޮގްރާމުގެދަށުން އަތޮޅު ކައުންސިލުން އިންތިޒާމުކުރި ދަތުރެއްކަމަށް ދަތުރު ރިޕޯޓްގައި ބަޔާންކުރާ ކަމަށެވެ.

އޮޑިޓުގައި ބުނީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި، އެ ތަމްރީނުތައް ދޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެލްޖީއޭގެ މަސްއޫލިއްޔެތައްކަމުގައި ގާނޫނުގައި ކަނޑައަޅަފައިވާ ކަމަށެވެ. ބޭރު ގައުމުތަކުގެ ލޯކަލް ކައުންސިލުގެ އިދާރާތައް ހިންގަމުންދާ ގޮތް ބެލުމާއި ލޯކަލް ގަވަމެންޓްތަކުން ހިންގާ ޕްރޮގްރާމުތަކާއި އެހެނިހެން ކަންކަން ބަލައި ތަޖުރިބާ ހޯދުމުގައި އެލްޖީއޭ މެދުވެރިކޮށް ވިލަރެސްކުރުމުން އެފަދަ ދަތުރުތަކުގެ މަގްސަދު ފުރިހަމައަށް ހާސިލުކުރެވޭނެ ކަމަށެވެ. އެކަމަކު ކައުންސިލް އިދާރާއިން ޕިލިޕީންސަށް ކޮށްފައިވާ އެ ދަތުރުގައި އެލްޖީއޭ އާ މަޝްވަރާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ކައުންސިލުގެ ބަޖެޓުން 562,471 ރ ޚަރަދުކޮށްގެން 2025 ވަނަ އަހަރު އޭޕްރިލް މަހުގެ ތެރޭގައި އިންޑޮނޭޝިއާގެ ބާލީއަށް އަތޮޅު ކައުންސިލް ތަމްސީލުކުރާ 12 މެންބަރުންނާއި ބިއުރޯ މުވައްޒަފަކާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 14 ބޭފުޅުން ދިހަ ދުވަހުގެ ތަޖުރިބާ ދަތުރެއްކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މި ދަތުރުގައިވެސް އޭގެތެރެއިން ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުކުރީ އެ މީހުންގެ ޑީއެސްއޭ އާއި ޓިކެޓް ޚަރަދުގެ އިތުރުން ޕޮކެޓްމަނީގެ ގޮތުގަ އެވެ.

އެ ރިޕޯޓުގައި ބުނީ އެ ދަތުރުގެ ބޭނުމަކީ އަތޮޅު ޕްރޮމޯޓްކުރުމަށާއި އިންޑޮނޭޝިއާގެ ލާމަރުކަޒީ ނިޒާމު ހިނގާގޮތް ބެލުންކަމަށް ދަތުރުގެ ރިޕޯޓްގައިވާ ކަމަށެވެ. ނަމަވެސް ދަތުރު ރިޕޯޓް ހުށަހަޅާފައި ނުވާތީ އެ ކަންކަން ކޮށްފައިވާކަން ކަށަވަރުކުރެވެން ނެތް ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އޮޑިޓުގައި ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން އެމްއެމްޕީއާރުސީގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވާތީ ލޯކަލް ކައުންސިލުތަކުން ފަތުރުވެރިކަމުގެ ތަޖުރިބާ ހޯދުމާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ކަންކަން ކުރުމުގައި އެ ކުންފުނި މެދުވެރިކޮށް ވިލަރެސްކުރުމުން އެފަދަ ހަރަކާތްތަކުގެ މަގްސަދު ފުރިހަމައަށް ހާސިލުކުރެވޭނެ ކަމަށެވެ. އެކަމަކު ފަތުރުވެރިކަން ޕްރޮމޯޓްކުރަން ކުރި އެ ދަތުރާ ގުޅޭގޮތުން އެމްއެމްޕީއާރުސީއާ ވެސް މަޝްވަރާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ދެވަނައަށް ފާހަގަކުރި މައްސަލައަކީ އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައި ނުވުމާއި އެ ފައިސާ ހޯދުމަށް ފިޔަވަޅުތައް އަޅަފައިނުވުމެވެ.

މާލިއްޔަތު ގަވާއިދުގައި ވަނީ ދައުލަތުގެ އޮފީހުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން އެއް މަސްދުވަހުގެ ތެރޭގައި ހޯދަންވާނެ ކަމަށެވެ. އެކަމަކު ކައުންސިލް އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ނުވާ ކަމަށާއި ނުލިބި ހުރި ފައިސާ ހޯދުމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2025 ގެ އޮކްޓޯބަރުގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ 2،159،866 ރ ލިބިފައި ނުވާ ކަމަށާއި މީގެ ތެރޭގައި 2020 ވަނަ އަހަރުން ފެށިގެން ކައުންސިލް އިދާރާއަށް ނުލިބިހުރި ފައިސާވެސް ހިމެނެ އެވެ.  

އޭގެ ތެރޭގައި ބ. އަތޮޅު ކައުންސިލުން މި އަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ބަޔަކަށް ދިން 703,575 ރ އާއި ފިނޮޅުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި، އާއި މަރިޔާދުގެ ކުލީގެ ގޮތުގުގައި ނުލިބިހުރި 134,400ރ. ރިޕޯޓްގައި ފާހަގަކޮށްއިވެ އެވެ.

މީގެކުރިން ވެސް އެހެން ބައެއް ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...