ރަށްރަށް ފަޅުވަނީ ކުޅިވަރު ދަނޑުތައް ނެތިގެންނެއް ނޫން، ތައުލީމާއި އިގްތިސާދު ނެތުމުން: ޝާފިއު

ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކާއި ފިނި މައިޒާންތައް ފަދަ ވަސީލަތްތައް ގާއިމުކުރި ނަމަވެސް، އެކަށީގެންވާ ތައުލީމާއި އާމްދަނީ ލިބޭނެ އިގްތިސާދީ މަގުތައް ފަހިނުވާނަމަ ރަށްތައް ފަޅުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ޝާފިއު ހިއްސާކުރެއްވި ލިޔުމެއްގައި ފާހަގަކުރެއްވި ގޮތުގައި، ރަށްވެހިންގެ ގޮތުގައި 1400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ބައެއް ރަށްރަށުގެ ހާލަތު ބަލާއިރު، އެ ރަށްރަށުގެ އާބާދީ މަދުވެ، ރަށުތެރެ ފަޅުވެ “ވާ” ވަމުންދާ މަންޒަރު ބ. އަތޮޅާއި ރާއްޖޭގެ އުތުރާއި ދެކުނުން ވެސް ފެންނަން އެބަހުއްޓެވެ.

“މަރުކަޒީ ސަރުކާރުގެ ސިޔާސަތުތަކަށް އިތުބާރެއް ނެތް”
ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝާފިއު ވިދާޅުވީ، ރަށްރަށް ފަޅުވުން ހުއްޓުވޭނެ ފަދަ ސިޔާސަތެއް މައި ސަރުކާރަކުން އެއްވެސް ރަށަކަށް ފަހިކޮށްދޭން މަސައްކަތްކުރާތަން ނުފެންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުން ހޮވާއިރު ވިސްނަންވީ ކަންކަން:
ކުރިއަށް އޮތް ތަނުގައި ރަށު ކައުންސިލްތަކަށް މީހުން ހޮވާއިރު ރައްޔިތުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް ޝާފިއު ފާހަގަކުރެއްވިއެވެ:
- ތައުލީމީ ތަސައްވަރު: ރަށުގައި ތިބެގެން ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނެ ގޮތްތައް ހޯދައިދިނުން.
- އިގްތިސާދީ ކުރިއެރުން: އާންމުދަނީ ލިބޭނެ ފަދަ ވަރުގަދަ އިގްތިސާދެއް ބިނާކުރުމުގެ ސިޔާސަތު ގެންގުޅުން.
- އަސާސީ ބޭނުންތަކަށް އިސްކަންދިނުން: ޕިކްނިކް ދާނެ ޕާކުތަކާއި ޖޯލިފަތިތަކަށްވުރެ ބޮޑަށް، ރަށުގައި މީހުން ހިފެހެއްޓޭނެ ވަސީލަތްތަކަށް އިސްކަންދޭ މީހުން ހޮވުން.
“ޕިކްނިކްދާނެ ޕާކުތަކާއި ފިނި މައިޒާންތަކާއި ކުޅިވަރު ދަނޑުތަކާއި ޖޯލިފަތިތައް ހެދުމަކީ ކިތަންމެ ބޭނުންވާ ކަންކަން ކަމުގައި ވީނަމަވެސް ރަނގަޅު ތަޢުލީމާއި އާންމުދަނީ ލިބޭނެފަދަ އިޤްތިސާދެއް ބިނާ ނުކުރެވޭ ރަށްތައް ފަޅުވެދިޔުމަކީ ލޯމަތިން ފެންނަމުންދާ ހަގީގީ މަންޒަރެވެ،” ޝާފިއު ލިޔުއްވާފައިވެއެވެ.
ޝާފިއު އިތުރަށް ވިދާޅުވީ، އާބާދީ މަދު ރަށްރަށަށް ވުރެ ބޮޑެތި އާބާދީތައް އޮތް ރަށްރަށް ފަޅުވަމުން ދިއުމަކީ ރާއްޖޭގެ ތަރައްގީގެ މޮޑެލްއާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
