ބައިސްކަލުގައި އުޅުނަސް މި ހިދުމަތްތެރިޔާގެ ވާހަކަ ލިޔަން ޖެހޭނީ ރަނުން

ހަނދާން ހުންނަން ފެށީއްސުރެ މ. މުލަކަށް އުފަން ސިދުޤީ ޢަބްދުﷲ ފެންނަނީ ބައިސްކަލެއްގައި އޮފީހަށް ދާތަނެވެ. އެތައް ކަމެއް އޭގެ ފަހު ބަދަލުވެއްޖެ އެވެ. އެކަމަކު އެ މަންޒަރަކަށް އަދިވެސް ބަދަލެއް ނާދެ އެވެ. އެއީ ސިދުޤީގެ ޕްރޮފައިލެއް ލިޔަން އަހަރެންގެ ޝައުގުވެރިކަން ދަމައިގަތް އެއް ސަބަބެވެ. ފުރަތަމަވެސް ހޯދަން ބޭނުންވީ ބައިސްކަލާ ގުޅޭގޮތުން ހިތުގައި އުފެދުނު ސުވާލުގެ ޖަވާބެވެ.
“ބައިސްކަލް ދުއްވުމަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމަކަށް ވެފަ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ މިކަން ހުއްޓާ ނުލާ ކުރިއަށް މިގެންދަނީ. އިރާދަކުރެއްވިއްޔާ މުޅި އުމުރަށްވެސް މިކަން ކުރާނަން.” ސިދުޤީ ދިނީ ވަރަށް ސާފު ޖަވާބެވެ.
“ބައިސްކަލް ދުއްވީމަ ހަށިގަނޑުގެ އެކި އެކި ގުނަވަންތަކުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާކަން ސިއްހީ ގޮތުން ފާހަގަކުރެވޭ.” ސިދުގީ އިތުރަށް ތަފްސީލްކޮށްދިނެވެ.
ޒަމާނަށް އައި ބަދަލާއެކު ބައިސްކަލް ދޫކޮށް ސައިކަލަށް އެންމެން ކަހަލަ ގޮތަކަށް ބަދަލުވި އިރު ސިދުގީއަށް އެ ބަދަލު ނައުމުން އެތައް ބަޔަކު އޭނާއާ ސުވާލުކުރެ އެވެ. ބައެއް ފަހަރު އެކަން ޖޯކަކަށްވެސް ރައްޓެހިން ހަދަ އެވެ. އެކަމަކު ސިދުޤީ އެކަމަކަށް ފަރުވާލެއް ނުބަހައްޓަ އެވެ. އެންމެން ގާތުވެސް އޭނާ ބުނަނީ ކުރިން މި ބުނި ޖަވާބެވެ.
ސިދުގީގެ ވާހަކައަކީ ބައިސްކަލާ ހަމައިން އެކަނި ނިންމާލެވޭ ވަރަށްވުރެ ބޮޑު ވާހަކަ އެކެވެ. ސިއްހީ ދާއިރާއިން ސިދުޤީ މިހާތަނަށް މިރަށަށް ކޮށްދީފައިވާ ހިދުމަތުކީ ރަނުން އޭގެ ސޮފްހާތައް ލިޔަން ޖެހޭ ވަރުގެ އަގުހުރި ހިދުމަތެކެވެ.
ގޮންޖެހުން ބޮޑަސް މަސައްކަތުގައި ދެއްކީ ސާބިތުކަން
މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރިން އޭދަފުށްޓަށް ސިދުޤީ އައިއިރު ސިއްހީ ހިދުމަތް ދޭން އަތޮޅުގައި ހުރީ ވެސް އެންމެ މަރުކަޒެކެވެ. ބަލިމީހުން ބަލާކަށް މިހާރު މި ތިބޭހހެން ޑޮކްޓަރުންނެއް ނުތިބެ އެވެ. ކާތިބަކާއި، މަސައްކަތު މީހަކުވެސް ލައިގެން ކިރިޔާ ހަމަވަނީ ފަސް މީހުންނެވެ. ޑޮކްޓަރަކަށްވެސް ނަރުހަކަށްވެސް އަދި ނުވިތާކަށް އެޓެންޑެންޓަކަށްވެސް ހުންނަނީ އެކަކެވެ. ބަލިމީހުން އެޑްމިޓްކުރާކަށް އެނދެއް ނުހުރެ އެވެ. ފަރުވާދޭން ގިނަ ފަހަރަށް ދާންޖެހެނީ ބަލިމީހާ ދިރިއުޅޭ ގެއަށެވެ.

މިވަރަކުން އަދި މިވާހަކަ އެއް ނުނިމެ އެވެ. ހުން އަޔަސް، ތަނެއްގައި ރިއްސިޔަސް، މާބަނޑު މީހަކު ވިހެއުމުގެ ތެރޭގައި މަސްތުރަ ނުވިޔަސް ފަރުވާ ދޭން އެކަކަށް އޭރު ހުރީ ސިދުގީ އެވެ. ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ހުންނަން ޖެހެނީ އޮން ކޯލްގަ އެވެ. ކިތަންމެ މޫސުން ގޯހަސް އެހެން ރަށަކުން މީހެއްގެ ހާލު ބޮޑުވެއްޖެ ނަމަ ވަގުތުން ފުރައިގެން ދިޔުން ނޫން އެހެން ގޮތެއް އޭރަކު ނެތެވެ. ޗުއްޓީ އެއް ނުނަގަ އެވެ. ސަލާމެއް އަމުދުން ނުވެސް ބުނެ އެވެ. ދިރިއުޅުމުގެ ހުރިހާ ވަގުތެއްހެން އޭރު ސިދުގީ ހޭދަކުރީ ބަލި މީހުންނަށް ހިދުމަތްކުރުމުގަ އެވެ.
އަދަދުން މިނޭކަށް ނެތް. ހިދުމަތަށް ލިބެނީ ސަތޭކަ
ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާއަތުގެ ސިއްހީ އެހީތެރިއެއްގެ ގޮތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރަން ފެށި ސިދުގީގެ ހިދުމަތް ލިބިފައިވަނީ ބ. އަތޮޅުގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން އެދުނު ކޮންމެ ވަގުތެއްގައި ކޮންމެ ދިމާލަކަށް ދާންޖެހުނަސް ސިދުގީ ހުންނަނީ ތައްޔާރަށެވެ. އޮފީހަށް އެއްބާރުލުން ދިނުމުގައިވެސް އެވަރުގެ މުވައްޒަފަކު މަދުވާނެ އެވެ. އެކަން އެންމެ ރަގަޅަށް ވަޒަން ކުރެވުނީ ސިދުގީގެ ސީވީންނެވެ. ވަރަށް ގިނަ އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ސިދުގީ ވަނީ މަސައްކަތްކޮށްފަ އެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ޝާމިލުވެ އުޅުމުގެ އިތުރުން ސިއްހީ ހިދުމަތްދޭ ގިނަ މަރުކަޒުތަކެއްގެ ހިންގުން ހަރުދަނާކުރުމުގައިވެސް ސިދުގީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ސިދުގީގެ އަގުހުރި ހިދުމަތުގެ ތެރެއިން ފާހަގަވި ވަރަށް ޝައުގުވެރި އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ އޭނާ އާ މެދު ގިނަ މީހުންނަށް އޮންނަ ޔަގީންކަމެވެ. އޭނާގެ ފަރާތުން ލިބޭ ހިދުމަތަށް އެމީހުންކުރާ އިތުބާރެވެ. ސިދުގީ ދޭ ބޭސް އެހެން ހުރިހާ ޑޮކްޓަރުން ދޭ ބޭހަށްވުރެ ރަގަޅު ވާހަކައަކީ ވަރަށް ގިނަ މީހުން ބުނާތީ އަހަރެންވެސް އަޑު އަހާ ވާހަކަ އެކެވެ. ސިދުގީއާ ހަމައިން ވަރަށް ގިނަ ކަންކަމަށް ހައްލު ލިބޭ ކަމަށް ގިނަ ބަޔަކު ބުނާތީ އަހަރެންގެ ހިތަށް އެރި ސުވާލު ސިދުގީއާ ކުރިމަތިކޮށްލީމެވެ.
“މާ ހާއްސަ ކަމެއް ނުކުރަން. ބަލި މީހުން ފަރުވާ ހޯދަން އައިމަ އެމީހުންނަށް އަޅާލުމާއި އޯގާތެރިކަމާއެކު ވާހަކަދައްކަނީ. ދެން އެވަގުތަކު ދެވެން އޮތް އެންމެ ރަގަޅު ފަރުވާއެއް ނޫނީ ބޭހެއް ދެނީ.” ޖަވާބުގައި ސިދުގީ ބުނީ މިހެންނެވެ.
ހިތްދަތި އެތައް ތަޖުރިބާއަކުން ދިރިއުޅުމަށް ލިބިގަތީ ފިލާވަޅު
ސިއްހީ ދާއިރާގައި ހިދުމަތްކުރަން ސިދުގީ ފެށި ދުވަސްވަރަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ވަރަށް ދަށް ހާލަތެއްގައި އޮތް ދުވަސްވަރެއް ކަމަށް ވުމާއެކު ހިތް ފަޅައިގެން ދާވަރުގެ އެތައް ތަޖުރިބާއަކާ އޭނާ ވަނީ ކުރިމަތިލައިފަ އެވެ. ވިހެއުމުގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުދިން މަރުވުމަކީ އޭރު އާންމު ކަމެކެވެ. އެފަދަ އެއް ތަޖުރިބާ ސިދުގީގެ ހިތުގައި ފަސޭހަ ނުވާ ފާރުގަނޑެއް ހެން މިއަދުވެސް ހަރުލާފައި އެބަހުއްޓެވެ. އެއީ އޭދަފުށީގެ ތާރީހް ދުށް އެންމެ ހިދުމަތްތެރި ފޫޅުމާ އަލްމަރްހޫމް ހަސީނާ…. (ހަސީނައްތަ) އާއެކު މާބަނޑު އަންހެނަކު ވިއްސަން އުޅުމުގެ ތެރޭގައި އޭނާގެ ދަރިފުޅު ވިއުމަށްފަހު މަސްތުރަ ނުވެ ލޭފޭބުމުގެ ސަބަބުން ނިޔާވި ހާދިސާ އެވެ.

ސިއްހީ ދާއިރާގައި ސިދުގީ ކޮށްދީފައިވާ އަގުހުރި މަސައްކަތަށް ސަތޭކައިން ސަތޭކަ ނޫން އެއްޗެއް ހައްގެއް ނޫނެވެ. މި ރަން ހިދުމަތްތެރިޔާގެ އަމިއްލަ ދިރިއުޅުމުންވެސް ފެންނަން އޮތީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބަހައްޓާ ސަމާލުކަމެވެ. އެކަމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމާއި ލޯތްބެވެ. ހަޔާތުން 60 އަހަރު ވޭތުވެފައިވާއިރު ﷲ ގެ ހެޔޮ ރަހުމަތްފުޅުން ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާކަށް ނުޖެހެ އެވެ. އުމުރާ އަޅާ ބަލާއިރު އަދިވެސް ސިދުގީ ފެންނަނީ މާބޮޑަށްވެސް ފިޓްކޮށެވެ. އެއީ ސަބަބުތަކެއްވެސް ހުރެގެންނެވެ.
“އެންމެ ބޮޑަށް ސަމާލުކަން ދޭ އެއްކަމަކީ ކެއުން ރަގަޅަށް ބެހެއްޓުން. ދެން ބައިސްކަލް ދުއްވުން. އޭގެ އިތުރުން ކޮންމެ ދުވަހަކު ގަވައިދުން ދުވަން ދިއުން.” ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ސިދުގީ ކުރާ މަސައްކަތް ވަރަށް ކުރުކޮށް ބުނެދިނެވެ.
މަސައްކަތުގެ ދާއިރާއިން ލިބުނު ހިތްހަމަޖެހުންވެސް ބޮޑު
ސިއްހީ ދާއިރާގައި ސިދުގީ ހޭދަކޮށްފައިވާ ދިގު މާޒީގައި އެތައް ބަޔަކަށް ހިދުމަތް ކުރުމުގެ އުފާ އޭނާއަށްވަނީ ލިބިފަ އެވެ. އެތައް ބައެއްގެ ވޭން ލުއި ކޮށްދޭން މަސައްކަތްކުރެވުނު ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ. ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް އޭނާ ވަނީ ހޯދައިފަ އެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ތެރެއިންވެސް ސިދުގީ އަށް ހާއްސަ އުފަލެއް މިއަދުވެސް އިހްސާސްކުރެވޭ އެއް ކަމެއް އެބައޮތެވެ.

“ރަށްރަށުގަ ތިބޭ މާ ބަނޑު އަންހެނުން ވިހެއުމުގެ ތެރޭގަ މަސްތުރަ ނުވެގެން އެންގީމަ އެ ރަށްރަށަށް ގޮސް މަސްތުރަކުރެވޭ ގޮތް ހަދައި އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ﷲގެ މިންވަރު ފުޅާއެކު ކުރެވުނު މަސައްކަތް އެއީ އެންމެ ފަހަރުވެރިވާ މަސައްކަތަކީ މިއަދުވެސް.” ބ. އަތޮޅު ހޮސްޕިޓަލްގައި މިހާރުވެސް މަސައްކަތްކުރަމުން އަންނަ ސިދުގީ ބުނެފައިވެ އެވެ.
މިހާރު އޭދަފުށީގެ ރައްޔިތެއްގެ ގޮތިގައި ހުރި ސިދުގީ އެ ފާހަގަކުރީ އާދައިގެ ކަމެއް ނޫނެވެ. މާ ގިނަ ވަސީލަތްތަކެއް އަމުދުން ނެތް ޒަމާނެއްގައި އެއީ އަގު އަދާކުރެވޭ ވަރަށް ވުރެ ބޮޑު ހިދުމަތެކެވެ. އެ ހިދުމަތް ލިބުނު މީހުންގެ ދުލުން މުޅި އުމުރަށްވެސް ސިދުގީއަށްޓަކައި ހެޔޮ ދުއާ ކުރާނެ ކަން ޔަގީނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
