ކެންދޫގައި ޒަމާނީ އާ އިންޖީނުގެ ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

ބ. ކެންދޫގައި ފެނަކަ ކޯޕަރޭޝަނުން ބިނާކުރި އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައި، އެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށްފިއެވެ.
މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.
ކެންދޫގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް، އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މި މަޝްރޫޢަކީ ފެނަކައިން ސީ ސައިޑް ޕްރައިވެޓް ލިމިޓެޑާ ސަބް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 11 ޖުލައި 2021 ގައެވެ.
މި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަށްވުރެ މަސައްކަތް ލަސްވެގެންދިޔަ ސަބަބުތަކާ ގުޅޭގޮތުން ފެނަކައިން ބުނީ، ބިން ހަމަޖެއްސުމުގައި ދިމާވި ގޮންޖެހުންތަކާއި، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވުމުގެ ސަބަބުން ޢަމަލީ މަސައްކަތް ފެށުނީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.
މަސައްކަތް ކުރިއަށްދިޔަ މުއްދަތުގައި ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދީފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ 31 މޭ 2023 އަށް މުއްދަތު އިތުރުކޮށްދިނުމަށްފަހު، އިތުރު ހަ މަސް ދުވަހާއި، އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު އެދިފައިވާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
މިއަދު ހުޅުވުނު އާ އިންޖީނުގެއާއެކު، ކެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބި، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޔަޤީންކަންދެއެވެ.މި
އާ އިންޖީނުގެއަކީ ރަށުގެ ކުރިމަގުގެ ބޭނުންތަކަށް ރިޢާޔަތްކޮށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...