ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް: ރައީސް

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ވިސްނުން ގެންގުޅޭ ލޯކަލް ކައުންސިލްތަކުގެ ސަބަބުން، ރަށްރަށުގައި ހިންގަން ނިންމާފައިވާ 57 މަޝްރޫއެއް ނުފެށި މަޑުޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ކުރިއަށް ނުގެންދެވި ވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށް އެކި އުޒުރުތައް ދައްކާތީ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މިއަދުގެ ހިސާބުތަކަށް ބަލާއިރު 57 ރަށެއްގައި ސަރުކާރުން ފަށަން ބޭނުންވާ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ. “އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،” އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ރަސްމާލެ އާއި ގިރާވަރުފަޅު ހިއްކުމުގެ ބޮޑެތި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ މަޝްރޫއުތައް އަވަސްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނަކީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާނެ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ އިސް މަގާމުތަކުގައި ސަރުކާރާ އިދިކޮޅު ފަރާތްތައް ތިއްބަވައިގެން ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އުނދަގޫ ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރު ކުރުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
