ފަހުދިހައިގައި، އޭދަފުށީގައި ދަމު ނަމާދު ކުރާނީ މުއީނުއްދީން އަދި މުހައްމަދު އަލީ މިސްކިތުގައި

މި ރަމަޟާން މަހުގެ ފަހުދިހައިގައި، އޭދަފުށީގައި ދަމު ނަމާދު ކުރާނީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން އަދި މަސްޖިދު މުހައްމަދު އަލީ މިސްކިތުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުށީ ކައުންސިލުން މިއަދު އާއްމުކުރި އެންގުމުގައި ބުނީ، ދަމު ނަމާދު ކުރަން ފަށާނީ މާރިޗު 9 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ފަހުދިހައިގެ ދުވަސްތައް މާދަމާ ފެށޭއިރު، ދަމު ނަމާދު ފަށާނީ މެންދަމު 2 ޖަހާއިރު ކަމަށް ކައުންސިލުގެ އެންގުމުގައި ބުނެފައިވެއެވެ.
މަސްޖިދުއް މުއީނުއްދީންމިސްކިތް އިމާރާތްކޮށް ނިންމައި ބޭނުންކުރަން ފެށީ މިދިޔަ ރަމަޟާން މަހު އެވެ. މިއީ އެ މިސްކިތުގައި ދަމުނަމާދު ކުރާ ފުރަތަމަ ފަހަރެވެ.
އޭދަފުށީގައި ދަމު ނަމާދު ކުރާނެ ދެ މިސްކިތް އާންމުކޮށް އިއުލާނުކުރިއިރު، މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތައް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އާއްމުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ޖުމްލަ 35 މިސްކިތެއްގައި މި ރަމަޟާން މަހު ދަމު ނަމާދު ކުރާނެއެވެ. އެއީ މާލޭގެ 21 މިސްކިތެއްގެ އިތުރުން ހުޅުމާލޭގެ 11 މިސްކިތް އަދި ވިލިމާލޭ 3 މިސްކިތުގައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...